ގެސްޓްހައުސް ވިޔަފާރިވެރިންނަށް ގެރެންޓީ ދޭން ހުށަހެޅި ގަރާރު މަޖިލިހުން ބޭރުކޮށްލައިފި

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރު މަޖިލިހުން މިއަދު ބޭރުކޮށްލައިފި އެވެ.


ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔާފާރިވެރިޔާ އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލިހުން ބޭރުކޮށްލުމަށް، މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ 62 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް 15 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.

މިދިޔަ އަންގާރަ ދުވަހު ފުރަތަމަ ކިޔުން އިއްވި ގަރާރުގައި ވަނީ ގެސްޓްހައުސް ވިޔަފާރި ހިމެނޭ ގޮތަށް ޓޫރިޒަމްގެ ސިނާއަތް ބޭރުގެ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ ކަމަށެވެ. ގެސްޓްހައުސްގެ ވިޔަފާރިން ދިވެހިންނަށް ލިބޭ މަންފާ ކުޑަވެ، ގެސްޓްހައުސްގެ މުޅި ވިޔަފާރި ބޭރުގެ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ގަރާރުގައިވާ ގޮތުން މިކަން މިގޮތަށް ވަނީ ބޭންކުތަކުން އެ ސިނާއަތް ތަރައްގީކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދެވުމާއި، ބޭންކްތަކުން ލިބެން ހުރި މަދު ފައިނޭންޝަލް ވަސީލަތްތަކަށް ވާސިލްވުމަށް އާންމު ގެސްޓްހައުސް ވިޔަފާރިވެރިންނަށް ހުރަސްތައް ކުރިމަތިކޮށްފައި ވުމުންނެވެ.

މި ގަރާރަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ގަރާރާ ދެކޮޅު ހައްދަވައިފަ އެވެ. އަދި މި ގަރާރަށް ވުރެ މާ މުހިންމު ކަންކަން މަޖިލިހުގައި ކުރަން ހުރި ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ސޮވެރިން ގެރެންޓީ ދޭން ޖެހޭނީ ސަރުކާރުން ހިންގާ ބޮޑެތި އިންވެސްޓްމަންޓުތަކަށް އެކަނި ކަމަށެވެ. އެކަމަކު، ގެސްޓްހައުސް ވިޔަފާރި ފުޅާކުރަން މި ސަރުކާރުން އިސްކަން ދޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި މި ގަރާރަކީ ޖާބިރު އަމިއްލަ މަންފާއެއް ހޯދުމަށް ހުށަހެޅުއްވި ގަރާރެކެވެ. އަދި އާންމުންގެ ވިޔަފާރިތަކަށް ސޮވެރިން ގެރެންޓީ ދިނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާއެއްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ޖާބިރު ހުށަހެޅުއްވި ގަރާރުގައި ހުރީ ސަރުކާރު ބަދުނާމުކޮށް ތުހުމަތުތަކެއް އަޅުވައި ބުހުތާނު ދޮގު ކަމަށެވެ. އަދި އެއަށް ވުރެ މުހިންމު މަސައްކަތްތައް މަޖިލީހުގައި ކުރަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރުގެ ގަރާރުގައި ވަނީ ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރި ބޭރުގެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ނުދިނުމަށް ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފަސޭހަ އިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ގާނޫނީ ފަންނުގެ ބިލް މަޖިލިހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އަދި ރާއްޖޭގެ ޖަލުތަކާ ގުޅޭ ގޮތުން ދާދި ފަހުން ތައްޔާރު ކުރި ރިޕޯޓު ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.