އެމްޑީޕީގެ "ކޮމާންޑަރު" މަރުވެއްޖެ

އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި، އެ ޕާޓީގެ ކޮމާންޑަރުގެ ނަމުން މަޝްހޫރުވެފައިވާ އާދަމް މޫސާ މިއަދު މަރުވެއްޖެ އެވެ.


އޭނާ މަރުވީ އެނގިފައިވާ ގޮތުގައި، އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ފަތިހެވެ. އާދަމް މޫސާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗުގައި ވެސް އެޑްމިޓްކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު އެވެ.

ސްކޫލެއްގެ ސެކިއުރިޓީ އޮފިސަރަކަށް އުޅުނު އާދަމް މޫސާ އެމްޑީޕީގެ ހަރަކާތްތަކުން އަބަދުވެސް ފެންނާނީ އޭނާގެ ހާއްސަ ޔުނިފޯމުގަ އެވެ. ރީނދޫ ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގައި ތޮއްޕެއް އަޅައިގެން ހުންނަ އިރު، ގަމީހުގެ ކޮނޑުގައި ތަރިތަކާއި މޭމަތީގައި ގިނަ ބެޖުތަކެއް ހަރުކޮށްފައި ހުރެ އެވެ. ގަމީހުގެ ގިރުވާނުގެ އެއް ފަރާތުގައި ހުންނަނީ ދިވެހި ދިދަ ހަރުކޮށްފަ އެވެ.

ބައެއް މުޒާހަރާތަކުގައި ދިވެހި ދިދަ ހިފަހައްޓައިގެން ވެސް ހުރެ އެވެ.

އާދަމް މޫސާ އަކީ އެމްޑީޕީން އެންމެ ފުރަތަމަ އުފެއްދި ގޮފި، މާކަރީގެ މެމްބަރެކެވެ. ޕާޓީގެ އެކި ދަތުރުތަކުގައި ރަށްރަށަށް ވެސް ދެ އެވެ.

އެ ޕާޓީގެ ހަރަކާތްތަކާ އޭނާ ގުޅުނީ ސިފައިންގެ ތެރޭގައި އުޅުމަށް ފަހު އެވެ. ކޮމާންޑަރެއްގެ ޔުނިފޯމުގައި މުޒާހަރާތަކަށް ދާން ފެށީ، އެމްޑީޕީގެ ވެރިކަން ބަދަލުވުމުންނެވެ. ނިމިގެން ދިޔަ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރި ހުރިހާ މުޒާހަރާތަކެއްގައި ހެން ބައިވެރިވި އެވެ.

"ސިފައިންގެ މީހަކަށް އުޅުނީމަ ހެން ބޮޑަށް ހީވަނީ ފަހުން އެގޮތަށް ހެދުން އަޅަން ފެށީ. މުޒާހަރާތައް ހުރަސްއަޅަން ފުލުހުން އުޅޭ ނަމަ، އެކަން ހުއްޓުވަން ކޮމާންޑް ކުރާނެ. ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތަން ވެސް އެދޭނެ،" އާދަމް މޫސާއާ ގާތް ގުޅުމެއް އޮތް، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި އެވެ.

އެމްޑީޕީގެ ގިނަ ބަޔަކު އޭނާ ސިފަކުރީ، އިސްލާހަށް ލޯބިކުރި އެ ޕާޓީގެ ހަރަކާތްތެރިއެއްގެ ގޮތުގަ އެވެ. އޭނާ ނެތުމަކީ އެ ޕާޓީގެ ހަރަކާތްތަކަށް ލިބޭނެ ފަޅުކަމެއް ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ހިތާމަފާޅުކޮށްފައިވެ އެވެ.