ރާއްޖޭގެ ހަތް ސަރަހައްދެއްގައި އިތުރު ހޮސްޕިޓަލް އަޅަނީ

ރާއްޖޭގެ ހަތް ސަރަހައްދެއްގައި އިތުރު ހޮސްޕިޓަލްތަކެއް އަޅަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.


ހެލްތު މިނިސްޓްރީން ދަރުބާރުގޭގައި މީޑިއާތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެތަނުގެ ސީނިއާ ޕްރޮޖެކްޓް އޮފިސަރު އަބްދުﷲ އާރިޒް "މިހާރު" އަށް ވިދާޅުވީ އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްތައް ޑިޒައިންކުރަން އަންނަ ހަފުތާގައި ބަޔަކާ ހަވާލުކުރާން ނިންމާފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލް އިމާރާތް ކުރަނީ މިހާރު ހެލްތު ސެންޓަރުތައް ހިންގަމުން އަންނަ ހއ. އިހަވަންދު އާއި ނ. ވެލިދު އާއި ރ. މީދު އާއި ޅ. ހިންނަވަރާއި ތ. ތިމަރަފުއްޓާއި އދ. މާމިގިލީގެ އިތުރުން ގދ. ގައްދޫގަ އެވެ.

މީޑިއާތަކަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ފެށި ސިލްސިލާ ހަރަކާތުގައި، ހެލްތު މިނިސްޓްރީގެ އެޑްމިން ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާރިޒް ވިދާޅުވި ގޮތުގައި ހޮސްޕިޓަލްތަކުން، ލެވެލް 1 ގައި ހިމެނޭ ފަރުވާތަކާއި ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނާ އެކު އޯޕީޑީގެ ހިދުމަތާއި ސްކޭން ކުރުމާއި އޮޕަރޭޝަންތައް ހިމެނެ އެވެ. ކޮންމެ ހޮސްޕިޓަލެއްގައި ވެސް 30 އެނދު ހުންނާނެ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ޕްލޭންގައި، 10 ހޮސްޕިޓަލަކަށް ވަސީލަތްތައް ހޯދައި ފެންވަރު މަތިކުރަން ނިންމާފައިވާ އިރު އެކަމަށް 800 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ތަރައްގީ ކުރާ ގޮތަށް އޮތީ ހދ. ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ގދ. ތިނަދު އާއި ލ. ގަމުގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ.