އޯ ލެވެލް ފެންވަރާ އެކު 20،000ރ.! އިއުލާންކުރީ ވަކި މީހަކަށް؟

ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް އޯ ލެވެލް ފެންވަރާ އެކު 20،000 ރުފިޔާގެ މުސާރައެއް ހަމަޖައްސައި މީހަކު ހޯދަން އިއުލާން ކުރުމުން ފާޑުކިއުން އަމާޒުވެއްޖެ އެވެ.


މާސްޓާސް ނިންމާފައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުންނަށް 12،000ރ.ގެ މުސާރަ ނުލިބޭ އިރު އޯ ލެވެލް ފެންވަރަށް ބޮޑު މުސާރައެއް ދިނުމަކީ މައްސަލަ އެކެވެ.

ސޯޝަލް މީޑިއާގައި ނުރުހުންފާޅުކުރި ބައެއް މީހުން ބުނިގޮތުގައި ވަކި ޝަރުތަކަކާ އެކު އާންމުކުރި އިއުލާނަކީ "ވަކި މީހަކަށް ފަހާފައި އޮތް ކޯޓެކެ"ވެ. ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ އަސާސީ މުސާރަ އަކީ 5،000ރ. އެވެ. މިއީ، ހުރިހާ ސަރުކާރެއްގައި ވެސް ސިިވިލް ސާވަންޓުން ކުރާ ޝަކުވާ އެކެވެ.

ގެޒެޓްކޮށްފައިވާ ހެލްތު މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވަނީ 20،000ރ. ގެއަށް ގެންދަން ލިބޭ ކޮމިއުނިކޭޝަން އޮފިސަރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން 14:00 އެވެ. އެ މަގާމުގެ ޝަރުތަކީ އޯ ލެވެލްގެ ފެންވަރު ހުރުމާ އެކު މީޑިއާގައި މަސައްކަތްކޮށް މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުނަސް އެ ފައިސާ ދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އިއުލާންގައިވެ އެވެ.

ހެލްތު މިނިސްޓްރީން މިކަމުގައި ވަކި އެއްޗެއް އަދި ނުބުނެ އެވެ.

ސިވިލް ސާވިސްގެ މަގާމްތަކުގައި މިހާ ބޮޑު ފަރަގެއް ހުރުމަކީ އިންސާފުތޯ އެއް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.