ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ޖަލުގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފި

މާފުށީ ޖަލުގެ ދެ ގޮޅިއަކުން ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.


ހާލަތު ބެއްލެވުމަށް މާފުށީ ޖަލަށް މިއަދު ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިދިޔަ ބުރާސްފަތިދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އަނިޔާވި ކަމަށެވެ. މައްސަލަ އުފެދުނީ ޖަލުގެ އޮފިސަރަކަށް ގައިދީއަކު ހަމަލާދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ.

އެ ހަމަނުޖެހުން ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި ގައިދީންނަށް ލިބުނު އަނިޔާތަކުގެ މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ. އެކަމަކު ގައިދީންނަށް އަނިޔާކުރުމުގެ ތެރޭގައި ބޯބޭލި ކަމަށް ދެކެވުނު ވާހަކަތައް އިމްރާން ދޮގު ކުރައްވައި ވިދާޅުވީ ޓްރިމަރަކުން ގައިދީންގެ ބޯ ތުނިކޮށް ކޮށާލި ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ.

މި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވި އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި، ގޮޅިން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި އަނިޔާކޮށް، ބައެއް މީހުންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ. މި ދަރަޖައިގެ ލާއިންސާނީ އަނިޔާ ހިންގި ކަމަށް ކަރެކްޝަނަލް ސާވިސް އިން ފުރަތަމަ ދޮގު ކުރި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލުގެ ގަވައިދު އޮންނަ ގޮތުން އިމަޖެންސީ އެއްވެސް ކަމެއް ހިނގައިފި ނަމަ، ކަރެކްޝަނަލް ސާވިސްގެ އީއެސްޖީ އިން އެ މައްސަލައެއް ކޮންޓްރޯލް ކުރަން ޖެހެ އެވެ.

"އިމަޖެންސީ އިއުލާން ކުރެވުނު ހާލަތުން ފެށިގެން އެ ހާލަތު ނިމެންދެން އޮޕަރޭޝަންގައި އިސްކޮށް ހުންނަވަން ޖެހޭނީ އީއެސްޖީގެ ކޮމާންޑަރު ކަމަށްވާތީ މައްސަލަ ބަލައި ނިމެންދެން އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރަން ކަރެކްޝަންގެ ސީޕީ (އަބްދުﷲ މުނާޒް) އަށް އަންގާފައި،" އިމްރާން ވިދާޅުވި އެވެ.

އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑްކުރީ މައްސަލަ ތަހުގީގުކޮށް ނިމެންދެނެވެ.

ރާއްޖޭގެ ޖަލުތަކަށް ބަދަލު ގެނައުމަށް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަން ކުރުމުގައި ހޯމް މިނިސްޓްރީ ދެމި އޮތް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި އެފަދަ ހާދިސާއެއް އިތުރަށް ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހާދިސާއެއް ހިނގުމުން އެކަން ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑު ބާރެއް ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އިންތިޒާމުތައް ކުރިއަށް ގެންދާނަން،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވި ގޮތުގައި ޖަލުގައި ހިނގި ހަމަނުޖެހުންތައް ބުރާސްފަތި ދުވަހުގެ ރޭ ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެކަމަކު، އެ އެކަން ކަން ހިނގައިދިޔަ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ހޯމް މިނިސްޓްރީ ދެމި އޮންނާނެ ކަމުގެ ޔަގީން މިނިސްޓަރު ދެއްވި އެވެ.

ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ސާފުކޮށް ބުނެފައިވެ އެވެ. ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.