އެކްސިޑެންޓެއްގައި ފޭދޫ ސްކޫލްގެ ޓީޗަރަކު މަރުވެއްޖެ

އައްޑޫ ފޭދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ރަށު ސްކޫލްގެ ލީޑިން ޓީޗަރެއް ކަމަށްވާ ފާތުމަތު ސާދާ ނިއާވެއްޖެ އެވެ.


ދެ ކުދިންގެ މަންމައެއް ކަމަށްވާ ސާދާ، 41، އެކްސިޑެންޓްވީ ބޮޑު މަގުން ދުއްވާފައި ދަނިކޮށް، އޭނާ ދުއްވި ސައިކަލް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ސާދާގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެ، ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައިވެ އެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ސާދާގެ ސައިކަލް އަނބުރާލި ވަގުތު، ފަހަތުން އައި ސައިކަލްގައި ޖެހިގެން ކަމަށެވެ.

އަނެއް ސައިކަލް ދުއްވަން އިނީ ގަމުގެ ފްލައިން ސްކޫލްގައި ޓްރޭނިން ހަދާ ޒުވާނެކެވެ. އޭނާ އަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓް ވުމުން ސާދާ ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އެތަނުން ބުނީ އޭނާ ގެންދިޔަ އިރު މަރު ނުވާ ކަމަށެވެ. ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ފޮނުވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ބުނީ އެތަނަށް ގެންދިޔައިރު ވެސް ސާދާ އޮތީ މަރުވެފައި ކަމަށެވެ.