ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި އެވެ.
އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ މަޖިލިހުގެ ޖަލްސާ ކުރާ މާލަމާއި ކޮމިޓީތައް ބާއްވާ ކޮޓަރިތަކުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރަން ނުފެންނަ ކަމަށް ނިންމައިފަ އެވެ. އެހެންވެ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިހުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލި ކަން އިއުލާން ކުރައްވައިފަ އެވެ.
ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަދު ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަދުން ފެށިގެން މަޖިލީހުގެ ތަޅުމުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައި ހުރިހާ ޕްލާސްޓިކް ފުޅިއެއް ތަޅުމުން ބޭރުކުރި އެވެ.
މިހާރު ކޮންމެ މެމްބަރެއްގެ މޭޒުގައި ބިއްލޫރި ތައްޓެއް ބަހައްޓާފައި ހުރެ އެވެ. އަދި މަޖިލިހުގެ ތަޅުމުގެ ދެ ފަރާތުގައި ފެން ޑިސްޕެންސަރު ވަނީ ހަރުކޮށްފަ އެވެ.