ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
24 ޖޫން 2019 - 15:52
ރައްޔިތުންގެ މަޖިލީހުގެ ވޯޓިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ރޯލް ކޯލަކަށް ގޮސް، ގިނަ ކަންކަން މިއަދު ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާ ގައި، ވޯޓިން ސިސްޓަމް ބޭނުންކޮށްގެން ހަތް ކަމަކަށް ވޯޓަށް އަހަން ރިޔާސަތުން އޮތީ އެޖެންޑާ ކޮށްފަ އެވެ. އެކަމަކު، ވޯޓިން ސިސްޓަމް މެދުވެރިކޮށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓަށް އެއްސެވީ ތިން ހުށަހެޅުމަކަށެވެ. ސިސްޓަމަށް މައްސަލަ ދިމާވެގެން ބާކީ ހުރި ކަން ކަމަށް ވޯޓު ދެއްވީ ފަހަރަކު މެމްބަރަކު ކޮއްޅަށް ތެދުވެވަޑައިގެންނެވެ.
ވޯޓިން ސިސްޓަމް ބޭނުންކޮށްގެން ވޯޓު ނެގީ މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީގެ މަސައްކަތް ނިންމަން އިތުރު 25 ދުވަސް ދިނުމަށާއި ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށާއި ގެއްލުވާލާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، އެ ކަން ބަލަން ހުށަހެޅި މައްސަލަ އެވެ.
އެ ތިން އިސްލާހު ވެސް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި އެވެ.
ވޯޓިން ސިސްޓަމަށް ޓެކްނިކަލް މައްސަލަ ދިމާވީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހުށަހެޅި ރިޕޯޓަކަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރު ވެފައި ވަނިކޮށެވެ. ރިޔާސަތުގައި އިންނެވި ނަޝީދު ފުރަތަމަ ވިދާޅުވީ، ވޯޓިން ސިސްޓަމަށް މައްސަލަ ޖެހުމާ ގުޅިގެން އަތް ނަގައިގެން ވޯޓަކަށް ދާން ނިންމެވި ކަމަށެވެ. އެކަމަކު، އަމީން އާންމު ފާތުމަތު ނިއުޝާގެ އެދިވަޑައިގަތުމަކަށް ވޯޓު ކޯލް ކުރިއަށް ގެންދަން ނަޝީދު ނިންމެވި އެވެ.
އެހެންވެ، ބާކީ ބިލްތަކަށް ވޯޓަށް އެއްސެވީ ފަހަރަކު، މެމްބަރުން ގޮނޑިން ތެދުވެވަޑައިގެންނެވެ. މިއީ، 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި މިފަދަ ގޮތަކަށް ވޯޓަށް އެހި ފުރަތަމަ ފަހަރެވެ.
މަޖިލިހުގެ 19 ވަނަ ދައުރުގެ ފެށުމުގެ ކުރިން، ޗެމްބަރުގައި ހުންނަ ކޮންގްރެސް ސިސްޓަމް އަޕްގްރޭޑް ކުރުމަށް ގާތްގަނޑަކަށް 11 މިލިއަނެއްހާ ރުފިޔާ ހަރަދުކުރި އެވެ. އެގޮތުން މައިކް ސިސްޓަމާއި އިތުރު ކެމެރާތައް ހަރުކޮށް، ކޮންމެ މެމްބަރަކަށް ނުވަ އިންޗީގެ އައިޕެޑެއް ބެހެއްޓި އެވެ.
މަޖިލިހުގެ ތަޅުމުގައި ބޭނުން ކުރަމުން ދިޔަ ވޯޓިން ސިސްޓަމަށް މައްސަލަ ޖެހުނު އިރު، ޓެކްނިކަލް މައްސަލައެއް ދިމާވެގެން މިއަދުގެ ޖަލްސާ ފެށުން ވެސް ލަސް ކުރަން ޖެހުނެވެ. މިއަދު ނުވައެއް ޖެހި އިރު ޖަލްސާ ފަށަން އެޖެންޑާ ކުރި ނަމަވެސް، ޖަލްސާ ފެށީ ހެނދުނު 10:45 ހާއިރު އެވެ.
ޖަލްސާގައި ވަނީ، ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 50 ޕަސެންޓުން 80 ޕަސެންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލިހުން ބަލައިގަނެ، ދިރާސާ ކުރަން އިޖުތިމާއީ ކަންކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އަދި ސަރުކާރުން ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަނެ، ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
މަޖިލިހުގެ ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ މާދަމާ އޮންނަ ޖަލްސާގެ ކުރިން، ވޯޓިން ސިސްޓަމް ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނެވާނެ
25 June 2019
ހުރިހާ ޒާތެއްގެ ހާދިސާ ގިނަ ސަރުކާރެއްގައި ތިޔަ ކަހަލަ ކަންކަންވެސް ވާނެ. މެޖޯރިޓީ ލިބިފައި އޮތް ގޮތުން އިންސާނީ ބާރުނުފޯރުވޭ ފަދަ އިންޓަރފިއަރަންސްތައް ގިނަވެދާނެ.