ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ދެ މަސް

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރިޔަކަށް ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އަމިއްލަ އަށް ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށުގައި ގެންގުޅެމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ފުލުހުން ނެރުނު ބަޔާނުގައި ބުނީ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ހާޒިރުވުމުން ކަމަށެވެ. ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ ރާއްޖެ ގެނައުމަށް ކުރަންޖެހޭ އިދާރީ ކަންތައްތައް ލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އެކަމަކު، އޭނާ މިވަގުތު ހުރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުންގެ ބަޔާނުގައި ނެތެވެ.

ލުތުފީއާ ބެހޭ މައުލޫމާތު ފުލުހުން ހާމަކޮށްފައި މި ވަނީ ލަންކާގައި ހުންނަ ރާއްޖޭ އެމްބަސީގައި ލުތުފީ އުޅޭ ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޓްވީޓްކުރައްވާފައި ވަނިކޮށެވެ.

އޭޕްރީލް 21 ވަނަ ދުވަހު ސްރީ ލަންކާގެ ބައެއް ފައްޅިތަކާއި ހޮޓާތަކަށް ދިން ހަމަލާތަކަށް ފަހު، ގަވައިދާ ހިލާފަށް އެ ގައުމުގައި އުޅޭ މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ވިސާ ނެތި ލަންކާގައި އުޅޭ ދިވެހިންގެ އެތައް ބަޔަކު ވެސް މި އޮޕަރޭޝަނުގައި ވަނީ ފާހަގަވެ، އޭގެތެރެއިން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.

ޓެރަރިސްޓް ހަމަލާ އަށް ފަހު ލުތުފީ ހައްޔަރުކޮށް ކަނު ބަނދެގެން ޝަރީއަތަށް ހާޒިރުކުރަނީ

ލުތުފީ ސްރީ ލަންކާގައި އުޅެނީ ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުން ފިލައިގެން ގޮހެވެ. އަދި އޭނާ ހޯދައި ހައްޔަރުކޮށް ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް މާޗް 26، 2012 ގައި ކޯޓުން އަމުރެއް ވެސް ކޮށްފައިވެ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ނޯޓިސް ވެސް ނެރެފަ އެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކޮށްފައި ވަނިކޮށް ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުންނެވެ.

ލުތުފީއާ އެކު އެ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހުމަދު ނާސިރު ވަނީ ޖަލު ހުކުމުގެ މުއްދަތު ހަމަވެގެން މިނިވަންވެފަ އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށް ބަލަނީ 25 އަހަރެވެ.