ޝައިމް ގެއްލުނުތާ ހަފުތާއެއް، އަދިވެސް ނުފެނޭ

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ޚަބަރެއް ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.


އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރިތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ޝައިމްއާ ގުޅޭ ގޮތުން "އާ މައުލޫމާތެއް ނެތް" ކަމަށެވެ.

"މިހާރު ވެސް ފުލުހުން ދަނީ އެކި ގޮތްގޮތުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ،

ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބުނިގޮތުގައި، ޝައިމް ހޯދަން މިހާތަނަށް ފުލުހުން ވަނީ ތިން ގެއެެއް ބަލައި ފާސްކޮށްފަ އެވެ. އަދި ސީސީޓީވީ ފުޓޭޖު ބަލައިގެން މަސައްކަތްކުރާ ކަމަށް ބުންޏެވެ.

ޝައިމް ގެއްލުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ހިޔާގައި ހުއްޓައި ކަމަކަށް ޖެންޑާ މިނިސްޓްރީން ފުރަަތަމަ އެއްބަހެއް ނުވެ އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން" ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ބުންޏެވެ.