ދެ ޔުނިވަސިޓީ އެއްކޮށްލުމަކީ ބޭކާރު ކަމެއް: ޑރ. ޖަމީލު

ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީ އެއްކޮށްލުމަކީ ބޭކާރު ކަމެއް ކަމަށާއި އޭގެ ބަދަލުގައި ދެ ތަން ވަކިން ހަރުދަނާކުރުން މާ މުހިއްމު ކަމަށް ކުރީގެ ނައިބު ރައީސް އަދި އިސްލާމިކް ޔުނިވަސިޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން ވަނީ އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ ބިލްތައް ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ޔުނިވަސިޓީތަކަށް ދިމާވެފައި އޮތް ދަތިތައް ހައްލުކުރުމެވެ. އަދި ގައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވަސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތްކުރުމަކީ ވެސް ބިލްތަކުގެ މަގްސަދެއް ކަމަށް ބުނެފައިވެ އެވެ.

ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެއް ޔުނިވަސިޓީއެއް ރާއްޖޭގައި ބަހައްޓައިގެން ފުރިހަމަ އަދި ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ދެވޭނެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ އަރަބި-އިސްލާމީ ތައުލީމު ދިނުމަށް މައުހަދު އުފެދުމާއެކު، އެ ރޮނގުން ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. އަދި އެތަން ފުޅާވެ، އިސްލާމީ ޔުނިވަސިޓީއަކަށް ބަދަލުކުރުމުން ޔުނިވަސިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ބަދަލުގައި ގައުމީ ޔުނިވަސިޓީއާ އެއްކޮށްލުމަކީ އިސްލާމީ ތައުލީމު ހޯދައި އެ ރޮނގުން ދިރާސާ ކުރުމަށް ފުރުސަތު ހަނިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސްގެ މަގާމަށް ޖަމީލު 2013 ވަނަ އަހަރު އިންތިޚާބުވުމާއެކު، ވެ ވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މައުހަދު އިސްލާމިކް ޔުނިވަސިޓީއަކަށް ބަދަލު ކުރީ 2015 ވަނަ އަހަރު އެވެ. މިހާތަނަށް އައި އިރު އިސްލާމީ ތަފާތު ރޮނގުތަކުން ގިނަ އަދަދެއްގެ ދަރިވަރުން އެތަނުން ތައުލީމް ހާސިލް ކުރަމުން ދެ އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އިސްލާމިކް ޔުނިވަސިޓީ އުފެއްދީ ރާއްޖޭގެ ގައުމިއްޔަތުގެ އެއްބަޔަކީ އިސްލާމީ ޝަރީއަތަށް ވެފައި ކާމިޔާބު އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށެވެ. މިއަދާ ހަމައަށް އައި އިރު ވެސް ރާއްޖެ އޮތީ އެ ފަދަ ގައުމެއްގެ ގޮތުގައި ކަމަށާއި އާބާދީ އަށް ބަލައި ރާއްޖޭގައި ތިބި އާލިމުން ގިނައިރު، ދީނީ ވިސްނުން މެދުމިނުގައި އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އޭގެ ވަރަށް ބޮޑު ދައުރެއް މައުހަދު އަދާކުރި ކަމަށާއި ހަރުކަށި ވިސްނުން ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ގިނަ ދުވަސްތަކެއް ވާންދެން އޮތުމުން ގިނަ ގައުމުތަކުން އެކަމާ ތައުރީފް ކުރާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

ނަމަވެސް ފަހަކަށް އައިސް މީހުންގެ މެދުގައި އުފެދެމުންދާ ހަރުކަށި ވިސްނުމާއި ދީނީ ގޮތުން ދިމާވާ މައްސަލަތަކާއި އެކަމަށް ގެނެވޭނެ ހައްލުތައް ދިރާސާކުރުމަކީ އިސްލާމިކް ޔުނިވަސިޓީއެއް އުފެއްދުމުގެ މަގްސަދު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ޔުނިވަސިޓީ ހިންގޭ ވަރަށް ޑިމާންޑް އެބައޮތެވެ. އެހެންވެ، ދެ މުއައްސަސާ އެއްކޮށްލުމަށް ދައްކާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަދި އަމުދުން މި ދުވަސްވަރު، މިހާރު އޮތް ގޮންޖެހުންތަކަށް ބަލާއިރު ހައްދު ފަހަނަ އަޅައިދިނުމާއި އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަން އޮޅުން ފިލުވައިދިނުމަށް މި ޔުނިވަސިޓީ މުހިއްމު. ގާނޫނީ ދާއިރާއިން ދިމާވާ މައްސަލަތައް ހައްލުކޮށް، އެކަމާ ގުޅޭގޮތުން ދިރާސާތައް ކުރުމަށް، މުސްލިމު ގައުމެއްގައި ވަކި ތަނެއް ހުންނަން އެބަ ޖެހޭ،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި އިސްލާމިކް ޔުނިވަސިޓީ ހަދައިފިނަމަ އެ ފަދަ ދިރާސާތައް ހެދުމަށް ހަނިވެ، ތަނުގެ ދައުރު ކުޑަވެގެން ދާނެ ކަމަށެވެ. އެހެންވެ، ދެތަން އެއްކޮށްލުމުގެ ބަދަލުގައި ގައުމީ ޔުނިވަސިޓީގައި ހުރި އިސްލާމިކް ކޯސްތައް، އިސްލާމިކް ޔުނިވަސިޓީގެ ބަދަލުކުރުން މާ އައުލާކަން ބޮޑުކަމަށް ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެމްބަރުން އެފަދަ ގޮތަކަށް ވާހަކަ ދެއްކެވީ އެކަމާ ގުޅޭގޮތުން އެންމެ ރަނގަޅު މައުލޫމާތު ލިބިވަޑައިނުގަންނަވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއް ސަރުކާރުން ކޮށްފައި ހުންނަ ކަންކަން، އަނެއް ސަރުކާރުން އައިސް ނައްތާލާ ކަމަށާއި އެކަމަކު އޭގެ ބަދަލުގައި އެކަންކަން ހަރުދަނާ ކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

ދެ ޔުނިވަސިޓީ އެއްކޮށްލުމާ ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާ މެދު، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ ދެ ވަނަ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވި ގޮތުގައި މުސްތަގިއްލު އިސްލާމީ ޔުނިވަސިޓީއެއް ހުރުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ. އެއީ ރާއްޖެ އާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެއް ކަމަށާއި އިސްލާމީ ޚިލާފީ މައްސަލަތަކުގައި އިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އެތަން ވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ޕްލޭންގައި ވާ ގޮތަށް ޔުނިވާސިޓީ ތަރައްގީކޮށްފި ނަމަ އެތަން ވާނީ އިގްތިސާދީ ގޮތުން ވެސް ފައިދާ ކުރާނެ ތަނަކަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެއް ޔުނިވަސިޓީއަކަށް ހިންގާ ނަމަ، ފުރިހަމަ ނިޒާމެއްގެ ދަށުން މާ ބޮޑަށް އަޅާލެވިގެން ޔުނިވަސިޓީ ހިންގިދާނެ ކަމަށެވެ. އަދި ދެ ޔުނިވަސިޓީ އެއްކޮށްލައިގެން އިސްލާމީ ތައުލީމް ދެވޭ ގޮތަށް ވަރަށް ފުރިހަމަ އިސްލާމީ ފެކަލްޓީއެއް ބާއްވައިގެން ހިންގުމަކީ ރަނގަޅު ފެންވަރެއްގައި ކުރެވި ދާނެ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.