މުވައްޒަފުން ނެގުމުގެ ބާރު އެމްޑީންގެ އަތުން ނަގަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ވެއްދުމުގެ ބާރު އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ އަތުން ނަގަން އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކުންފުނިތަކުގެ މަގާމުތަކަށް މީހުން ނެގުމުގެ ބާރު މެނޭޖިން ޑިރެކްޓަރަށް ލިބޭ ގޮތަށް އުސޫލު އޮތް ނަމަ އެކަން ބަދަލު ކުރަން މިހާރު ކުންފުނިތަކަށް އަންގާފައިވާނެ ކަމަށެވެ.

"މިހާރު ވެސް އެބަހުރި ބައެއް ކުންފުނިތައް މެނޭޖިން ޑިރެކްޓަރު ބޭނުންފުޅުވާ ނަމަ އިއުލާން ކުރުމަކާ ނުލައި މަގާމުތަކަށް މީހުން އައްޔަން ކުރެވިދާނެ. އެއީ ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިއުލާން ކުރުމަށް ފަހު މަގާމަށް އެކަށީގެންވާ މީހަކު ނުލިބޭ ނަމަ ކުންފުނީގެ ބޯޑުން މަޝްވަރާކޮށް މީހަކު ނެގޭ ގޮތަށް އުސޫލު އޮތުން ގޯހެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެންބަރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ ބޭނުންތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން އެކި ކުންފުނިތަކަށް ނެގި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބައެއް ކުންފުނިތަކުން މިހާރު ދަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންނެވެ.

މުއައްވިޒު ވިދާޅުވީ ކުންފުނިތައް ހިންގުމުގައި އެ ކޮމިޝަނުން ކަންބޮޑުވާ މައިގަނޑު ތިން ދާއިރާއަކީ ޕްރޮކިއުމެންޓް ނިޒާމާއި ރެކުރޫޓްމަންޓްގެ އިތުރުން ސްޕޮންސާ ދިނުމުގެ ކަންކަން ކަމަށެވެ.

އެގޮތުން ހަރުދަނާ ޕްރޮކިއުމެންޓް ނިޒާމެއް ކުންފުނިތަކުގައި ހެދިފައި ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ކުންފުނިތަކުގައި ރެކްރޫޓްމަންޓް ޕޮލިސީއެއް ނޯންނައިރު މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ޝަރުތުތަކެއް ކަނޑައަޅާފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މަގާމަކަށް އިއުލާން ކުރަންވީމާ ޝަރުތެއް ކަނޑައަޅާފައި އެބަ އިއުލާން ކުރޭ. އޭގެ ސަބަބުން މިވާ ގޮތަކީ ބައެއް މަގާމުތަކުގައި އެކަށީގެންވާ ވަރަށް ވުރެ ގިނައިން މީހުން ތިބުމާއި ދަށް ފަންތީގެ މަގާމުތަކުގައި މަތީ ފަންތީގެ މަގާމުތަކަށް ވުރެ ބޮޑެތި ޝަރުތުތައް ހިމަނާފައި ވެސް ބައެއް ފަހަރު އެބަހުރި އިއުލާން ކޮށްފައި،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް ކުންފުނިތަކުން ސްޕޮންސާޝިޕްގެ ގޮތުގައި ފައިސާ ދޫކުރާއިރު އެ ހަރަދުކޮށްފައިވަނީ ރަނގަޅަށްތޯ ބެލިފައި ނުހުންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެންބަރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: މަޖިލިސް

ކުންފުނިތަކުން ބީލަމާ ގުޅޭ ކަންކަން ކުރުމުގައި އިޖުރާތްތަކާ ހިލާފަށް އަމަލު ކުރުމާއި އިޖުރާތްތައް ހަދާފައި ހުންނަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީން ބުނެ އެވެ. އެގޮތުން އާއްމު ބީލަމަށް ހުޅުވާނުލައި މަސައްކަތް ކުރެވޭނެ ގޮތް ހަދައި އެ ގޮތަށް އަމަލުކުރާ ކަމަށް ވެސް އޭސީސީން ވަނީ ކޮމެޓީއަށް މައުލޫމާތު ދީފަ އެވެ.

ވޭތުވެދިޔަ ތިން އަހަރު އެ ކޮމިޝަނަށް ކޮށްފައިވާ މަސައްކަތްތައް އޭސީސީން ވަނީ ކޮމެޓީއާ ހިއްސާކޮށްފަ އެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު އެކޮމިޝަނަށް 2،705 މައްސަލަ ހުށަހެޅި އިރު އޭގެ ތެރެއިން 516 މައްސަލައަކީ ކޮމިޝަންގެ އިސްނެގުމަށް ބެލި މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ. އެއީ އޮޑިޓް ރިޕޯޓްތަކާއި ހަބަރުތަކުން ލިބޭ މައުލޫމާތަށް ބިނާކޮށް ބަލާ މައްސަލަތަކެވެ.

ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން 372 މައްސަލަ ނިސްބަތްވަނީ ދައުލަތުގެ ކުންފުނިތަކަށެވެ.

ފާއިތުވި ތިން އަހަރު 20 މައްސަލައަކާ ގުޅިގެން 280 ދައުވާއެއް ކުރަން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެއީ ނާޖާއިޒު ފައިދާ ހޯދުމާއި ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާތަކެވެ. އެ މައްސަލަތަކުގެ ތެރެއިން 33 މައްސަލައެއް ޕީޖީން އަނބުރާ ފޮނުވާލި އެވެ. އަދި 24 މައްސަލައެއްގައި ޕީޖީ ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ.

މުއައްވިޒު ވިދާޅުވީ އަނބުރާ ފޮނުވާލާ ގިނަ މައްސަލަތަކުގައި ޕީޖީން ދައްކާ ސަބަބު ގަބޫލުނުކުރެވޭ ކަމަށެވެ. އެ ކޮމިޝަނުން ދައުވާކުރަން ފޮނުވަނީ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު މެމްބަރުން އެ މައްސަލައެއް ދިރާސާ ވެސް ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކުރެވޭ އެހެން މައްސަލަތައް

• ދުރު ރާސްތާ ޕްލޭނެއް ނެތި ކުންފުނިތަކުން މަސައްކަތް ކުރުން

• ކުންފުނިތަކުގެ މެންޑޭޓުން ބޭރުގެ މަސައްކަތްތަކާއި ހަވާލުވެ އެކަންކަން ކުރުން

• މާލީ ގާބިލް ކަމެއް ނެތި، އެކި ގޮތްގޮތަށް ފައިސާ ހޯދައިގެން ޕްރޮޖެކްޓް ހިންގުން

• އެކައުންޓްތަކުން ފައިސާ ޓްރާންސްފާ ކުރުމުގެ ބަދަލުގައި ނަގުދު ފައިސާ ނަގައިގެން ބޭނުން ކުރުން

• ކުންފުނީގެ ނެތް ފައިސާއިން ސީއެސްއާރަށް ހަރަދު ކުރުން

• ޑޮލަރު ގަތުމާއި ވިއްކުމުގެ މުއާމަލާތައް މަނިޓަރީ ގަވައިދާ ހިލާފަށް ކުރުން