ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ސްޓިކާ ޖަހާތީ މިނިސްޓަރު އައިޝާއާ ސުވާލުކުރަނީ

މާލޭގައި ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


މިނިސްޓަރު އައިޝާއާ ސުވާލު ކުރެއްވުމަށް މަޖިލިހަށް މިއަދު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރަކާ ސުވާލުކުރާ ނަމަ، އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.

ޖާބިރު "މިހާރު" އަށް ވިދާޅުވީ ޕާކް ކުރާނެ އިންތިޒާމުތައް ހަމަނުޖައްސައި ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދުވެފައިވާ ކަމަށެވެ. އެކަމަކު، އިންތިޒާމުތައް ހަމަނުޖައްސާ ސްޓިކާ ޖަހާތީ އާންމުންނަށް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި، ޕާކް ކުރާނެ ތަނެއް ނެތީމަ އެގޮތަށް ޕާކް ވެސް ކުރަނީ. ސައިކަލްތައް ފަދަ ވެހިކަލްތައް ގެތަކުގެ ކުރިމަތީގައި ބަހައްޓައި ގެތަކަށް ވަނުމަށް ވެސް އުނދަގޫވާ ފަހަރު އާދޭ. އެހެންވެ، މިކަމުގައި މިނިސްޓަރު އައިޝާ ޖަވާބުދާރީ ކުރުވަން ބޭނުންވަނީ،" ޖާބިރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. --- ފޮޓޯ: މިހާރު

މިިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ޖެނުއަރީ މަހު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

އެކަމަކު، ހަމައެއް ލަމައެއް ނެތި، ގަވައިދާ ހިލާފަށް ޕާކް ކުރުން އާންމުވުމާ ގުޅިގެން ފުލުހުން އަލުން ޕާކިން ސްޓިކާ ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސްޓިކާ ޖެހުމުގެ ބަދަލުގައި މި ސަރުކާރުން ފެށި ކަމަކީ، މީހުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމެވެ. އެކަމަކު، އެކަމުން މާ ބޮޑު ހައްލެއް އައި ތަނެއް ނުފެނުނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވީ އުޅަނދުތައް ރާއްޖެ އެތެރެކުރުމާއި ގެންގުޅުމުގެ އިތުރުން އެކަށީގެންވާ ގޮތެއްގައި ޕާކުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެފަދަ މައްސަލަތައް ހުއްޓައި ޕާކްކުރާނެ ޖާގަ ތަނަވަސްނުކޮށް ފުލުހުން ނުކުމެ ސްޓިކާ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ގިނަ ޕާކިން ޖޫރިމަނާގެ ވަރަށް ބޮޑު އަދަދެއް މައާފުކޮށްދީފަ އެވެ. އެގޮތުން 2015 އަދި 2016 ވަނަ އަހަރު ކުރި 7.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ވަނީ މިިދިޔަ އަހަރުގެ ޖުލައި މަހު މާފުކުރި އެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެގޮތުން މިދިޔަ ހަފްތާގައި 1300 އަށް ވުރެ ގިނަ ވެހިކަލްތަކުގައި ވެސް ސްޓިކާ ޖެހި އެވެ.