ސިފައިންގެ ޗީފް ޝަމާލް އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރަޖްނަތު ސިންގްހާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.


އެމްއެންޑީއެފުން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްގީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ބައްދަލު ކުރެއްވުމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެ އެވެ.

އެ ބައްދަލުކުރެއްވެވުމުގައި ޝަމާލްގެ އަރިހުގައި އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ސަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް

ޝަމާލް އިއްޔެ ވަނީ އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މި ދަތުރުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޯ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޝަމާލް ޒިޔާރަތްކުރައްވައި، ލެކްޗާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.