ހުޅުމާލޭ "ރަށު މާރުކޭޓު" ގެ ގޮޅިތައް ހަވާލުކުރަން ފަަށައިފި

ހުޅުމާލޭގައި އަލަށް ހެދި މާރުކޭޓުގެ ގޮޅިތައް ލިބުނު މީހުންގެ ތެރެއިން 28 މީހަކާ އެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.


"ރަށު މާރުކޭޓު" ގެ ނަމުގައި ހުޅުވާ ގޮޅިތައް ލިބުނު ބާކީ 25 މީހުންނާ އެކު، އެއްބަސްވުންތަކުގައި މާދަމާ ސޮއިކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ރަށު މާރުކޭޓުގެ ގޮޅިތައް ލިބުނު މީހުންނާ އެކު ހަދާ އެއްބަސްވުންތަކުގައި ވާ ގޮތުން ދެވަނަ ފަރާތަކަށް ގޮޅިތައް ދުލެއް ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މާދަމާ ސޮއިކުރާ 25 މީހުންނާ އެކު ޖުމުލަ 53 ބަޔަކަށް ގޮޅިތައް ދޫކުރި ނަމަވެސް ބާކީ ގޮޅިތައް އަދިވެސް ހުންނާނެ ކަމަށެވެ. އެ ގޮޅިތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލާނީ އެޗްޑީސީން ބުނިގޮތުގައި އަދި ފަހުންނެވެ.

ރަށު މާރުކޭޓުގެ ގޮޅިތައް ހަވާލުކުރުމާ ގުޅޭ ގޮތުން އެޗްޑީސީން މިއަދު ކުރި ޓުވީޓު

"ގޮޅިތައް ފުރަތަމަ ބިޑަށް ހުޅުވާލި އިރު ބައެއް ގޮޅިތައް ހާއްސަ ކޮށްފައި ހުންނާނެ ސްވެނިއާ ވިޔަފާރި ކުރުމަށް ވެސް. އެކަމަކު އެ ގޮޅިތަކަށް ތަރުހީބެއް ނުލިބުނު. އެހެންވެ އެ ގޮޅިތައް ހުރީ ދޫނުކުރެވި،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީން ކުރިން ކުރި އިއުލާނުގައި ވަނީ 42 މީހަކަށް ހުޅުމާލޭ "ރަށު މާރުކޭޓު" ން ގޮޅިތައް ދޫކުރި ކަމަށެވެ.

ގޮޅިތައް ދޫކޮށްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޑްރައި ސްޓޯލާއި ވެޓް ސްޓޯލްތައް ވަނީ ކަނޑައަޅައިފަ އެވެ. ޑްރައި ސްޓޯލްތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލްތަކުގައި ވިއްކާނީ ރޯމަހެވެ.

ހުޅުމާލޭގެ ފެރީ ޓާމިނަލްއާ އިންވެގެން އޮންނަ ޕާކިން ޒޯން ކައިރީގައި ހަދާފައިވާ އާ މާރުކޭޓުގެ ގޮޅިއެއްގެ ބޮޑުމިނަކީ 69 އަކަފޫޓެވެ. ގޮޅިއެއްގެ މަހު ކުއްޔަކީ 3،500ރ. އެވެ.