މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި 712 މިލިޔަން ޑޮލަރު ހުރި

މިދިޔަ އަހަރު ނިިމުނު އިރު ދައުލަތުގެ ރަސްމީ ޒިޒާވްގައި 712 މިލިޔަން ޑޮލަރު ހުރި ކަމަށާއި އެއީ 21 ޕަސެންޓްގެ ކުރިއެރުމެއް ކަަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަަސީރު ވިދާޅުވެއްޖެ އެވެ.


އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދީ ދުވެލި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަޑުޖެހުނު ކަމަށާއި ރާއްޖޭގެ އިގުތިސާދީ ދުވެލި ވެސް މި އަހަރު މަޑުޖެހިލާނެ ކަމަށް ލަފާކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ދުވެލި ޖުމްލަ ގޮތެއްގައި ފާހަގަކޮށްލެވޭ މިންވަރަކުން ކުރިއަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެމްއެމްއޭ އަށް ހިދުމަތްކޮށްދެއްވި ބޭފުޅަކަށް ކުރީގެ ރައީސް މައުމޫން ހަނދާނީ ފިލާ ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ދެހާސް އަށާރަ ވަނަ އަހަރު ނިމުނު އިރު ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގައި 712 މިލިޔަން އެމެރިކާ ޑޮލަރު ހުރި ކަމަށް އަޅުގަނޑުމެންނަށް ތަފާސްހިސާބުތަކުން އެބަ އިނގޭ. ފާއިތުވެ ދިޔައަހާ ބަލާއިރު މިއީ 21 އިންސައްތައިގެ ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަސް ނިމުނު އިރު އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 276 މިލިޔަން ޑޮލަރެވެ. އޭގެ އިތުރުން ސަރުކާރުން އުފައްދާފައިވާ ސޮވަރެއިން ޑިވެލޮޕްމެންޓް ފަންޑުގައި 158 ޑޮލަރު ހުއްޓެވެ.

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރަން އެމްއެމްއޭއިން ކޮށްފައިވާ ބައެއް މަސައްކަތްތައް ނަސީރު މިރޭ ފާހަގަ ކުރެއްވި އެވެ. އެގޮތުން 2018 ވަނަ އަހަރު ވެސް އެމްއެމްއޭ އިން މާލީ ދާއިރާ ސުޕަވައިޒްކުރުމަށާއި މޮނިޓާކުރުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީ ދާއިރާގެ ހާލަތު 2018 ވަނަ އަހަރު އޮތީ ވަރުގަދަކޮށް،" އޭނާ ވިދާޅުވި އެވެ.

މާލީ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް އިސްކަންދޭ ފަދައިން ފައިނޭންޝަލް އިންކްލޫޝަން ކުރިއެރުވުމަކީ ވެސް މުހިއްމު އަމާޒެއް ކަމަށް ނަސީރު ވިދާޅުވި އެވެ. އެކަމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކްރެޑިޓް ގެރެންޓީ ސްކީމެއް އެމްއެމްއޭއިން ތައާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެ ބޭންކްގެ ފުރަތަމަ ގަވަރުނަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި އެމްއެމްއޭ އަށް ހިދުމަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.