ބޮޑު ޚިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކަކަށް ތުހުމަތުކޮށް މައްސަލަ ބަލަނީ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތުހުމަތުތަކުގެ ތަފްސީލުތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މިއަދު ހިއްސާކޮށްފި އެވެ.


އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން ނެތް ކަމަކަށް އެ ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ޖަމާކުރީ މި ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށެވެ. މި ފައިސާ އިން މަނީ ލޯންޑަރިން ހިންގާފައިވާ އިރު، މިކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ޝާމިލްވުން އޮތް ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ.

ބީއެމްއެލްގެ އިތުރުން މި ޚިޔާނާތުގައި އެމްއެމްއޭގެ އިހުމާލު އޮތް ކަމަށް ވެސް އޭސީސީން ބުނެ އެވެ. ދައުލަތުގެ ފައިސާ އިން މަނީ ލޯންޑަރިން ހިންގާ ކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) އަށް އެނގިތިބެ ވެސް އަޅާނުލީ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު ޔަގީން ނުކުރުމާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބީއެމްއެލް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފުން ނުދިން ކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅައިނުލުމަކީ މައްސަލައެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައިވެ އެވެ.

މި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބީއެމްއެލްގެ މުވައްޒަފުންނާ ސުވާލުކޮށް ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ. އެކަމުގައި 30 އަށް ވުރެ ގިނަ މުވައްޒަފުންގެ ބަޔާން ނަގަމުން އަންނަ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ ތަހުގީގުގައި އެ މުވައްޒަފުންގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ބަލާނެ އެވެ. މިހާތަނަށް ބެލިބެލުމުގައި އެނގިފައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރަމުން ދިޔައީ ބޭންކުން އަމަލުކުރަމުން އަންނަ އުސޫލާ ޚިލާފަށް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންޑޯޒްމަންޓް ފުރިހަމަނުވަނީސް ގިނަ އަދަދެއްގެ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށްދީފައި ވެ އެވެ.

މަޖިލީހުގެ ކޮމިޓީގައި އޭސީސީން މިހެން ބުންޏަސް މި މައްސަލައިގައި ކުރިން ނެރުނު ބަޔާނެއްގައި ބީއެމްއެލުން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެ ބޭންކުގެ އެއްވެސް މުވައްޒަފެއްގެ ދައުރެއް ނޯންނާނެ ކަަމަށެވެ. ބޭންކުން އަމަލުކުރަމުން އަންނަ އުސޫލްތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދާ ޚިލާފަށް އެ ކުންފުނިން އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން އޮތް ކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން ވަނީ އިންޓާނަލް އޮޑިޓެއް ވެސް ކޮށްފަ އެވެ. އެ އޮޑިޓަށް ފަހު ވެސް އެތަނުން ޔަގީންކަން ދީފައިވާ ގޮތުގައި ޚިޔާނާތުގައި އެ ބޭންކުގެ ބައިވެރިވުމެއް ނެތެވެ. އަދި އެސްއޯއެފްގެ އެކައުންޓްތަކުން ކުރަމުން ދިޔަ މުއާމަލާތްތައް 2014 އިން ފެށިގެން އެފްއައިޔޫ އަށް ފޮނުވަމުން ދިޔަ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.