ޖޭއެސްސީގެ ލީގަލް ޓީމް މެމްބަރުން. --. ފޮޓޯ: ނިޝާން އަލީ/މިހާރު
09 ޖުލައި 2019 - 17:53
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ އެ ކޮމިޝަނުގެ ތަހުގީގު ކޮމެޓިތަކުގައި ކޮމިޝަނުގެ މެންބަރުން ނޫން މީހުން ހިމެނުމަށް ނިންމާފައިވާތީ އެ ކޮމިޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 12:30 އާ ހަމައަށް އޮންނާނެ ކަމަށެވެ.
ޖޭއެސްސީގެ އިއުލާންގައިވާ ގޮތުން، އެލަވަންސެއްގެ ގޮތުގައި ކޮންމެ ދޮޅު ގަޑިއިރުގެ ބައްދަލުވުމަކަށް 500ރ. ލިބޭނެ އެވެ. އަދި އެ އަށް ވުރެ އިތުރުވާ ނަމަ، އިތުރު 500 ރުފިޔާ ލިބޭނެ ކަމަށް އިއުލާންގައި ވެ އެވެ.
ތަހުގީގު ޓީމުގެ މެމްބަރުކަމަށް ކުރިމަތިލެވޭނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މުސްލިމަކު ކަމަށް ވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން އުމުރުން 35 އަހަރު ފުރިފައި ވުމާއި ކުށެއް ކުރި މީހަކު ކަމުގައި ނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ބުއްދި ހަމައަށް ހުރި މީހަކަށް ވުމެވެ.
ޖޭއެސްސީން ބުނީ ތަހުގީގު ޓީމުގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ކުރިން ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ވަކީލުންނާއި ތަހުގީގު އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ މީހަކަށް އިސްކަން ދޭނެ ކަމަށެވެ.
ޖޭއެސްސީން މިވަގުތު ދަނީ ގިނަ ފަނޑިޔާރުންތަކެއް ސުލޫކީ މައްސަލަތައް ބަލަމުންނެވެ. އާންމުކޮށް އެފަދަ މައްސަލަތައް ބަލަނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ނަގާ ކޮމިޓީއަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ބުއްދި
09 July 2019
މަސައްކަތް ކުރަން ޖެހޭ މުއްދަތެއް ނެތް ތަ؟ ހޮވޭ މީހަކު ބަލަން ކިތައް މައްސަލަ ލިބޭ ތަ؟