ވިލާގެ ބިލުތަކަށް ކެނޑީ ޑަބްލިއުއެލްޓީގެ ބޯޑުން ނިންމައިގެން: އޭޖީ އޮފީސް

ދައުލަތުން ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރު އަދާކުރި އިރު ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއިން އުނިކުރީ ޑަބްލިއުއެލްޓީގެ ބޯޑުން އެގޮތަށް ނިންމައި އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގާފައި ވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.


ޑަބްލިއުއެލްޓީ އަށް ދައުލަތުން ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ތެރެއިން ޓެކްސް އަށް ވާ ފައިސާ ކެނޑުމަށް ފަހު 8.4 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) މި ހަފުތާގައި ވަނީ އެ ކުންފުންޏަށް ދައްކާފަ އެވެ. ނަމަވެސް ޑަބްލިއުއެލްޓީގެ 10 ޕަސެންޓް ހިއްސާ އޮންނަ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވަނީ އެގޮތަށް ފައިސާ އުނިކުރީ ޑަބްލިއުއެލްޓީ އަށް އެނގުމެއް ނެތި ކަމަށް ބުނެފަ އެވެ.

ޑަބްލިއުއެލްޓީގައި ސައިރިކްސް ޝަރީފްގެ އިތުރުން ދެން ހިއްސާވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޓްރެވެލްސް އާއި ގާސިމްގެ އާއިލާގެ ބޭފުޅުންނެވެ.

އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން "މިހާރު"އަށް މިއަދު ވިދާޅުވީ ޑަބްލިއުއެލްޓީއަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ވިލާ ޝިޕިންގެ ޓެކްސް އާއި ޖޫރިމަނާ ފައިސާ އުނިކުރީ ޑަބްލިއުއެލްޓީގެ ބޯޑުން ފާސްކޮށް ފޮނުވި ގަރާރަކާ ގުޅިގެން ކަމަށެވެ. ޑަބްލިއުއެލްޓީގެ ބޯޑުން ފާސްކޮށް އޭޖީ އޮފީހަށް ފޮނުވި ގަރާރުގައި ބުނެފައި ވަނީ އެ ފައިސާ އުނިކުރަން އިއުތިރާޒް ނުކުރާ ކަމަށެވެ.

"މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެ ގަރާރު ފާސްކޮށްފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މައިނޯރިޓީ ހިއްސާދާރު ޝަރީފް ވިދާޅުވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާ ކަމަށެވެ. އެކަމަކު ފަހުން އެނގިފައިވާ ގޮތުގައި އޭޖީ އޮފީހަށް ފޮނުވި ގަރާރުގައިވާ ގޮތުން މެނޭޖިން ޑައިރެކްޓަރަކީ ފާތިމަތު ތަސްލީމާ އެވެ.

ޑަބްލިއުއެލްޓީގައި އޮތީ ވިލާ ގްރޫޕްގެ 70 ޕަސެންޓް ހިއްސާ އާއި އެ ގްރޫޕްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ 4 ބޭފުޅެއްގެ 20 ޕަސެންޓް ހިއްސާ ކަން ވެސް "މިހާރު" އަށް އެނގިފައި ވެ އެވެ. ޝަރީފްގެ އޮތީ އޭނާ ވެސް ވިދާޅުވި ފަދައިން 10 ޕަސެންޓް ހިއްސާ އެވެ.

ޑަބްލިއުއެލްޓީ އަށް ދައުލަތުން ފައިސާ ދައްކަން ޖެހުނީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ނުދިނުމުންނެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.

އެ މައްސަލައިގައި އެކުންފުންޏަށް 15 މިލިޔަން ޑޮލަރު ދައްކަން ދަށުކޯޓުތަކުން ކުރި ހުކުމް ސުޕްރީމްކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. ވިލާގެ ޓެކްސްބިލްތައް އެފައިސާއިން އުނިކުރަން ސަރުކާރުން މަޝްވަރާކުރީ ސުޕްރީމްކޯޓުގެ ހުކުމާ ގުޅިގެންނެވެ.