ޑަބްލިއުއެލްޓީގެ ފައިސާ އިން ވިލާގެ ޓެކްސް ބިލްތަކަށް ނުކެނޑޭނެ: ޝަރީފް

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ސަރުކާރުން ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގްރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައީ ޑަބްލިއުއެލްޓީ އަށް އެނގުމަކާ ނުލައި ކަމަށް ބުނެ އެ ކުންފުނިން މައްސަލަ ޖައްސަން ފަށައިފި އެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޓްރެވެލްސްގެ 90 ޕަސެންޓު އަދި އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ގެ 10 ޕަސެންޓު ހިއްސާ އޮންނަ ޑަބްލިއުއެލްޓީ އަށް ދައުލަތުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން 5.6 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭން ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ޑަބްލިއުއެލްޓީ އަށް ދައުލަތުން ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ތެރެއިން ޓެކްސް އަށް ވާ ފައިސާ ކެނޑުމަށް ފަހު 130 މިލިއަން ރުފިޔާ އިއްޔެ އެ ކުންފުންޏަށް ދައްކާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ޑަބްލިއުއެލްޓީ އަށް 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު (200 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މާޗް 28 ގައި ހުކުމްކޮށްފަ އެވެ.

އެކަަމަކު ރައީސް ވިދާޅުވެފައި ވަނީ، ޑަބްލިއުއެލްޓީ އަށް 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ދޭން ނިންމެވީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު އެވެ.

މި މައްސަލައިގައި، ޑަބްލިއުއެލްޓީގެ މެނޭޖިން ޑައިރެކްޓަރު ޝަރީފް، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ޓެގްކޮށް، އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުން އެ ކުންފުންޏަށް ފައިސާ ދައްކަން ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް މައިނޯރިޓީ ހިއްސާދާރަށް އެނގުމެއް ނެތި، ވިލާގެ ޓެކްސް ބިލްތައް އެ ފައިސާ އިން ކެނޑުމަކީ ހުކުމާ ހިލާފަށް ސަރުކާރުން ކުރި ކަމެއް ކަމަށެވެ. އަދި އެއީ ކުންފުނިތަކުގެ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް.---ފޮޓޯ: މަޖިލިސް

ސައިރިކްގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާ ޝަރީފް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، ކޯޓުން ހުކުމްކޮށްފައި ވަނީ ވިލާ ހޮޓެލްސް އިން ދައްކަން ޖެހޭ ފައިސާއެއް ސެޓްލް ކުރާ ގޮތަށް ނޫން ކަމަށާއި އެ ހުރިހާ ފައިސާއެއް ޑަބްލިއުއެލްޓީގެ އެކައުންޓަށް ޖަމާކޮށްދޭން އެދިވަޑައިގަންނަވާ ކަަމަށެވެ.

މިކަމާ ގުޅިގެން "މިހާރު" ން ކުރި ސުވާލަކަށް ޝަރީފް ވިދާޅުވީ، ޑަބްލިއުއެލްޓީގައި ވިލާ ހޮޓެލްސްގެ ހިއްސާ އޮތަސް އެއީ ގާނޫނީ ވަކި ޝަޚުސެއް ކަމަށެވެ. އެހެންވެ، ދައުލަތުން ޑަބްލިއުއެލްޓީ އަށް ދައްކަންޖެހޭ ފައިސާގެ ކަންކަމާ މެދު މަޝްވަރާ ކުރަންޖެހޭނީ ވެސް ސީދާ އެ ކުންފުންޏާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެލްޓީގެ އެމްޑީ ޝަރީފުގެ ޓުވީޓު

"އަޅުގަނޑު މި ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުކަމުން ވަކިވިކަން އަންގާފައެއް ނެތް. ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ފައިސާއާ ބެހޭ ގޮތުން ސަރުކާރުން މި ކުންފުނީގެ ބޯޑަކާ މަޝްވަރާއެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޑަބްލިއުއެލްޓީ އަށް ދައްކަން ޖެހޭ ފައިސާގެ މުއާމަލާތް ސަރުކާރުން ކުރީ ވިލާގެ ޗެއާމަން އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ ގާސިމްއާ އެވެ. ޝަރީފް އެކަން ސިފަކުރެއްވީ "ކޯލިޝަން ޕާޓްނަރަށް ސަރުކާރުން ދިން ހަދިޔާއެއް"ގެ ގޮތުގަ އެވެ.