ވިލާގެ ޑަބްލިއުއެލްޓީ އަށް ދައުލަތުން 130 މިލިއަން ރުފިޔާ ދައްކައިފި

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރޭވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ ފައިސާ މިއަދު ދައްކާފައިވާ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފި އެވެ.


ޑަބްލިއުއެލްޓީ އަށް 5.6 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ މަނިކުފާން ވިދާޅުވި ގޮތުގައި އެގޮތަށް ނިންމެވީ ކޯޓުން ބޭރުން ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.

ބަންޑާރަ ނައިބު އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ދައުލަތުން އެކުންފުންޏަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރުގެ ތެރެއިން ޓެކްސްއަށްވާ ފައިސާ ކެނޑުމަށް ފަހު 130 މިލިއަން ރުފިޔާ މިއަދު އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.

ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ނުދިނުމުންނެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ޑަބްލިއުއެލްޓީ ބޮޑު ބަދަލެއް ދިނުމަށް ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މާޗް 28 ގައި ހުކުމްކޮށްފަ އެވެ.