ޑަބްލިއުއެލްޓީ އަށް 5.6 މިލިއަން ޑޮލަރު ދޭން ސަރުކާރުން ނިންމައިފި

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިއި ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 5.6 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވީ، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީ އަށް 5.6 މިލިއަން ޑޮލަރު ދިނުމަށް އެމަނިކުފާނު މިއަދު ނިންމެވީ ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޯޓުން ބޭރުން ކުރި މަޝްވަރާތަކަށް ފަހު ނިންމެވި އެ ނިންމެވުމާ ގުޅޭ ކަންކަން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ.

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ޑަބްލިއުއެލްޓީ އަށް 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު (200 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މާޗް 28 ގައި ހުކުމްކޮށްފަ އެވެ.

ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ނުދިނުމުންނެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.

އެ މައްސަލަ ޑަބްލިއުއެލްޓީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމްކުރީ ފައިނޭންސް ކޮސްޓަށް ވާ 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެއް މަސް ތެރޭގައި ދައުލަތާއި އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީ އަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި ޑަބްލިއުއެލްޓީން ކުރިން ދައްކާފައިވާ 16.9 މިލިއަން ޑޮލަރު އަނބުރާ ދައްކަން ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމުގައި ކަނޑައެޅި ބައި ރަނގަޅު ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައާފައި ވެ އެވެ.