ރާއްޖެ ކޮމަންވެލްތާ ގުޅުން އަވަސްކޮށްދޭން އުޅޭ ގައުމުތަކަށް ޝުކުރުއަދާކޮށްފި

ރާއްޖެ އަލުން ކޮމަންވެލްތާ އަލުން ގުޅުމުގެ މަރުހަލާ އަވަސްކޮށްދޭން އެ ޖަމާއަތުގެ ބައެއް ގައުމުތަކުން އެދުމުން ރާއްޖޭން އެކަމަށް ޝުކުރު އަދާކޮށްފި އެވެ.


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުން އަވަސް ކުރަން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީލަންކާ، ކެނެޑާ އަދި ރުވާންޑާއިން ތާއީދު ކުރި ކަމަށެވެ. އެ ގައުމުތަކުން އެކަމަށް ވަރުގަދަ އަށް ތާއީދު ކުރީތީ ޝުކުރުއަދާކުރައްވާ ކަަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުން ރާއްޖެއާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށާއި ދާހިލީ ކަންކަމުގެ ތެރެއަށް އެ ޖަމާއަތުން ވަންނަ ކަމަށް ބުނެ އެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅައިފަ އެވެ. ރާއްޖޭގެ ހާލަތު ބެލުމަށް އެ ޖަމާއަތުގެ ވަފުދުން ޒިޔާރަތް ވެސް ކޮށްފައިވެ އެވެ.