ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލު ތެރޭގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރައި ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިއަދު އެ ރަށަށް ހިނގައްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވި ގޮތުގައި މީގެ 19 އަހަރު ކުރިއްސުރެ އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވެ އެވެ. އަދި އެޑިއުކޭޝަނުގެ އެހީތެރިކަމަށް އެދުނީ އެ މައްސަލައަށް އެ މިނިސްޓްރީގެ ސަމާލުކަން ނުލިބޭ ކަމަށް ބުނެ ބެލެނިވެރިން ނިކުމެ މިދިޔަ ބުރާސްފަތި ދުވަހު ސްކޫލު ބަންދުކޮށް، އެކަމާ ގުޅޭގޮތުން ޕެޓިޝަނެއް ތައްޔާރުކުރުމުން ކަމަށް ކައުންސިލުން ބުންޏެވެ.
ތުޅާދޫގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ އެވެ. އަދި ކުދިންގެ އަމަލުތައް ވެސް ހުންނަނީ ޖިންނި މޮޔަވާ މީހުންގެ ހުންނަ ގޮތަށް ކަމަށާއި އެހެންވެ، އެއީ ސްކޫލުގެ ތެރެއިން ކުދިންނަށް ދިމާވާ ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.
މި މައްސަލަ ބޮޑުވެގެން މީގެ ކުރިން ވެސް ވަނީ ސްކޫލުގެ ގޯތި ތެރޭގައި ހުރި ގަހެއް ކަނޑާލާފަ އެވެ. އަދި މި ފަހަރު ވެސް ބެލެނިވެރިން އެދެނީ އެ ތަނުގައި ހުރި ގަހެއް ކަނޑާލުމުގެ ހުއްދަ ދިނުމަށެވެ. އެކަމަކު ކައުންސިލުން ބުނީ ގަސް ކަނޑާލުމުގެ ބަދަލުގައި އެކަމަށް އެހެން ހައްލެއް ހޯދައި ދިނަސް ބެލެނިވެރިން ގަބޫލު ކުރާނެ ކަމަށެވެ.
"ބެލެނިވެރިން ގޮވާލަނީ ހަމައެކަނި ގަސް ކަނޑާލުމަކަށް ނޫން. ކަމާ ބެހޭ ފަރާތްތަކުން ސްކޫލަށް ވަޑައިގެން، އެކަންކަން ބެލުމަށް ފަހު ހައްލެއް ހޯދައިދިނުމަށް،" ޒާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރިވަރުންނަށް ދިމާވަނީ ނަފްސާނީ މައްސަލައެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.
"ނަފްސާނީ މައްސަލައެކޭ ބުނެގެން ބައެއް ކުދިން ބޭސް ވެސް އެބަ ކައި. އެކަމަކު ރަނގަޅެއް ނުވޭ،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މިހާރު މި މައްސަލަ ކުރިމަތިވަނީ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދިހަ ވަރަކަށް ކުދިންނަށެވެ. އެކަމަކު މީގެ ކުރިން އެކި ދުވަސްވަރު ގިނަ އަދަދެއްގެ ކުދިންނަށް މި މައްސަލަ ދިމާވި ކަމަށް ބެލެނިވެރިން ބުނެ އެވެ.
ޖިންނި މޮޔަވާ ކަމަށް ބުނެ މީގެ ކުރިން ހދ. މަކުނުދޫ ސްކޫލުގައި ހުރި ގަހެއް ވެސް މީގެ ކުރިން ކަނޑާލި އެވެ. އަދި ބައެއް ދަރިވަރުންނަށް ރުގުޔާކޮށް ހެދި އެވެ.