އަދީބު ހޮން ކޮންގުގައި އޮފްޝޯ ކުންފުންޏެއް ހެއްދެވި!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮން ކޮންގްގައި އޮފްޝޯ ކުންފުންޏެއް ހެއްދެވިކަން ހާމަވެއްޖެ އެވެ.


އެކަން އެނގުނީ ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީއާ އެކު އާއްމުކުރި ލިޔުންތަކަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުންފުނި ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމާއި އެ ކަމަށް ދެއްކި ފައިސާގެ ރަސީދާއި ރަޖިސްޓްރީ ކުރުމަށް ފަހު ދޫކުރި ސެޓްފިކެޓް އަދި ކުންފުނި ހިންގާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ލިޔުމެކެވެ.

އެ ލިޔުންތަކުގައިވާ ގޮތުން "މޯލްޑިވްސް އިންވެސްޓްމެންޓްސް ލިމިޓެޑު"ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީ ކުރަން އަދީބު ހުށަހެޅުއްވީ ޑިސެމްބަރު 5، 2014 ގަ އެވެ. ރަޖިސްޓްރީ ކުރަން ދައްކަން ޖެހޭ ފީ ކަމަށްވާ 3،900 ހޮން ކޮންގް ޑޮލަރު (7،861 ރުފިޔާ) އޭގެ ތިން ދުވަސް ފަހުން، ޑިސެމްބަރު 8 ގައި ދެއްކުމުން ހަމަ އެ ދުވަހު ކުންފުނި ރަޖިސްޓްރީކޮށްދީ، ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ.

ލިޔުންތަކުން އެނގޭ ގޮތުން ހިއްސާ ނުވިއްކާ، އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި މޯލްޑިވްސް އިންވެސްޓްމެންޓްސްގެ ހަމައެކަނި ހިއްސާދާރަކީ އަދީބެވެ.

މި ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީއަކަށް ޖަހާފައި ވަނީ ހޮން ކޮންގުގެ އެކައުންޓިން އަދި ކޮންސަލްޓަންސީ ފާމެއް ކަމަށްވާ "ކޮންޕެކް މެނޭޖްމަންޓް ކޮންސަލްޓެންޓްސް ލިމިޓެޑެ"ވެ. ކުންފުނީގެ އެޑްރެހަކަށް އޮތީ "ހޮން ކޮންގް ކޮންޕެކް ސީޕީއޭ ލިމިޓެޑު"ގެ ބައެއްގެ ގޮތުގައި ހިންގާ ކޮންޕެކް މެނޭޖްމަންޓް ކޮންސަލްޓެންޓްސްއާ އެއް އެޑްރެހެކެވެ. އެއީ އަލަށް ހަދާ ކުންފުނިތަކަށް، ހޮން ކޮންގުން އޮފީސް ކުއްޔަށް ނުނަގައި ފަރުޖެއްސޭނެ ގޮތް ހަދައިދިނުމަށް ކޮންޕެކުން ދޭ ހިދުމަތެކެވެ.

އަދީބު ހޮން ކޮންގުގައި ހެއްދެވީ، ބެލެވޭ ގޮތުގައި، އޮފްޝޯ ކުންފުންޏެކެވެ. ދުނިޔޭގެ މާލީ ބޮޑެތި މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ ހޮން ކޮންގުގެ ގާނޫނުތަކުގެ ދަށުން އޮފްޝޯ ކުންފުންޏެއްގައި ހުންނަން ޖެހޭ ހުރިހާ ޝަރުތުތަކެއްހެން މޯލްޑިވްސް އިންވެސްޓްމެންޓްސްގައި އެބަ ހުއްޓެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ އެއް ހިއްސާދާރަކާއި 10،000 ހިއްސާ އިން ފުއްދާލެވުމެވެ.

ޓެކްސް އަށް މަކަރު ހެދުމާއި ވަގު ފައިސާ ފޮރުވަން ނުވަތަ ދޮންނަން އޮފްޝޯ ކުންފުނިތައް ބޭނުންކުރާ މައްސަލަ ދުނިޔޭގައި ބޮޑެވެ. އެކަމާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން އެކި ފިޔަވަޅުތައް ވެސް އަޅަމުން ދެ އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުންނެވިއިރު ހޮން ކޮންގުގައި ކުންފުންޏެއް ހެއްދެވިޔަސް، އެ ކުންފުނިން އެއްވެސް ވިޔަފާރިއެއް ކުރި ކަމެއް އެނގޭކަށް ނެތެވެ.

އެކަމަކު އެ ކުންފުނި ހަދާފައި ވަނީ އަދީބު އިސްކޮށް ހުންނަވައި ބޭރުގެ ވިޔަފާރިވެރިންތަކަކާ ގުޅިވަޑައިގެން ހިންގަވަން އުޅުއްވި ކަމަށް އަލް ޖަޒީރާ އިން ބުނި 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިން ސްކީމާ ދިމާކޮށެވެ. އެކަމުގެ މަޝްވަރާތައް ކޮށްފައި ވަނީ، ޑޮކިއުމެންޓްރީގައި ބުނާ ގޮތުން، 2014 ގެ މެދުތެރެއިން ފެށިގެން މިދިޔަ އަހަރުގެ ކުރީކޮޅާ ދެމެދު އެވެ.

އަލް ޖަޒީރާ އިން މިދިޔަ ބުދަދުވަހު ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ވަނީ މަނީ ލޯންޑްރިން ކަމަށް ބެލެވޭ އެ ސްކީމް ހިންގަން އުޅުނު ގޮތުގެ ތަފްސީލާއި ހެކި ހިމަނާފަ އެވެ. ސިންގަޕޫރާއި މެލޭޝިއާ އަދި އިންޑޮނީޝިއާގެ ގޮތް ނޭނގޭ ވިޔަފާރިވެރިންތަކަކާ އެކު ހިންގަން އުޅުނު އެ ސްކީމްގައި ރާވާފައި އޮތީ ޗާޓަރު ފްލައިޓެއްގައި އެ ފައިސާ ރާއްޖެ ގެނެސް، ސިފައިންގެ ބެލުމުގެ ދަށުން ތިޖޫރިއަކަށް ގެންދާށެވެ. އަދި އެމްއެމްއޭގެ ބައިވެރިވުމާ އެކު އެ ތަނުން އެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި އޮންނަ އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ޓްރާންސްފާ ކުރުމަށް ފަހު، އެކި އަދަދުތަކުން މަދުމަދުން ބޭރު ކުރާށެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވި އަދީބު މިހާރު ހުންނެވީ ޖަލުގަ އެވެ. އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް ސާބިތުވި ކަންކަމުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެސް، އޭނާ ހިމެނޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.