ހަރަމައިން ޖަމާއަތުގެ މައްސަލަ ފުލުހަށް

ހައްޖަށް ގެންދިއުމަށް އަލްހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.


އަލްހަރަމައިން ޖަމާއަތުން ހައްޖުވެރިންގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ ބަޔަކު އެ ޖަމާއަތުގެ އޮފީހުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އެ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް ކޮންމެ ހައްޖާޖީއެއްގެ އަތުން 69،965ރ. ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން އެއްލައްކަ ރުފިޔާ ނަގާ ކަމަށް ފައިސާ ދެއްކި ބައެއް މީހުން ބުނެ އެވެ.

ހަރަމައިން ޖަމާއަތުން އިތުރަށް ފައިސާ ނަގާތީ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ވީޑިއޯ--

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން އަލްހަރަމައިން ޖަމާއަތުގެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އަށް މިއަދު އެ ޖަމާއަތުގެ އިސް ބޭފުޅުން ހާޒިރުކޮށްފައިވާ ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ. އެކަމަކު އެ ބައްދަލުވުމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ. އަދި އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އިސްލާމިކް މިނިސްޓްރީން ޖަމާއަތްތަކަށް ހުއްދަދިން ވަރަށްވުރެ އިތުރަށް ފައިސާ ނަގަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޝާފިއު ވިދާޅުވީ މިހާތަނަށް މިނިސްޓްރީ އަށް ހުށަހަޅާފައިވަނީ އަލްހަރަމައިން ޖަމާއަތުގެ މައްސަލަ އެކަނި ކަމަށެވެ.

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ފަސް ޖަމާއަތަކަށެވެ.

ހުއްދަދިން ޖަމާއަތްތަކާއި އަގުތައް

1) އެކްރޯ ހައްޖު ގްރޫޕު: 59،965ރ. 2) ހައްޖު ކޯޕަރޭޝަން: 69،965ރ. 3) މިނާ ހައްޖު ގްރޫޕު: 69،965ރ. 4) އަލްހަރަމައިން ހައްޖު ގްރޫޕު: 69،965ރ. 5) ޒައި ހައްޖު ގްރޫޕު: 70،000ރ. 6) ތަޒްކިޔާ ހައްޖު ގްރޫޕު: 72،250ރ.

ހައްޖަށް ގެންދާ ޖަމާއަތްތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ އަކީ ކޮންމެ އަހަރަކު ވެސް ފެންމަތިވާ މައްސަލައެކެވެ. އެކަން ހައްލު ކުރުމަށް ގަވައިދުތަކެއް ހެދި ނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ލިބިފައެއް ނުވެ އެވެ.