ދިވެހިން ނުލިބިގެން އަހަރުތަކަކަށް ފަހު ޕްރައިމަރީ ގްރޭޑުތަކަށް ބިދޭސީ ޓީޗަރުން ހޯދަނީ

ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.


އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ މިއަދު ވިދާޅުވީ ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ އާއި އެހެނިހެން ސަބަަބުތަކާ ހެދި ބިދޭސީ ޓީޗަރުން ހޯދަން އިއުލާނުކޮށްފައިވާ ކަމަށެވެ. އެގޮތަށް އިއުލާނުކުރީ ވެސް އެ މަގާމުތަކަށް ދިވެހީން ނުލިބުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ، ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ އަށް، ބަދަލުގައި ވަގުތީ މުވައްޒަފުން ނަގަން ނިންމައިފަ އެވެ. އެއާ އެއްގޮތަށް އެހެން އިދާރާތަކުން ވެސް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ޕްރައިމަރީ ގްރޭޑުތަކަށް ބިދޭސީ ޓީޗަރުން ގެނައުން މަޑުޖައްސާލާފައި އޮންނަތާ މިހާރު ވަރަށް ގިނަ އަހަރުވެއްޖެ އެވެ.

އަހުމަދު އަލީ ވިދާޅުވީ ދިވެހި ޓީޗަރުން ލިބުމުގައި އެއް އަހަރުން އަނެއް އަހަރަށް ދަތިތަކާ ދިމާވާ ކަމަށެވެ. އެއީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި އެ މައްސަލަ ހައްލުކުރަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ދިވެހި ޓީޗަރުން ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރައްވައި މާލޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ ޕްރައިމަރީ ގްރޭޑުތަކުގައި ތިބޭ ޓީޗަރުން ވަކިވުމުން، އެ ޖާގަ އަށް އަލުން ދިވެހިން ހޯދުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައިގަނޑު ސަބަބަކީ ޓީޗަރުންނަށް ކުރާ އިހުތިިރާމް ކުޑަވުމާއި މުސާރައިގެ މައްސަލަތަކެވެ.

"ޓީޗިންނަކީ މީގެ ކުރިން މުސާރަ އެންމެ ރަނގަޅަށް ލިބުނު އެއް ދާއިރާ. ވަރަށް ރަނގަޅަށް އިހުތިރާމްކުރާ ބައެއް. ވަރަށް ގަދަރުވެރި މަގާމެއްގެ ގޮތުގައި އޭރު ފާހަގަކުރެވުނީ ވެސް. ނަމަވެސް މިހާރު އެއީ ވަރަށް ދަށްކަމެއްގެ ގޮތުގައި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ކިޔެވުން ފެށިއިރު އެޑިއުކޭޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުގެ 212 ސްކޫލުގައި 7900 ދިވެހި ޓީޗަރުން މަސައްކަތްކުރެ އެވެ. ބޭރު މީހުންގެ އަދަދު އުޅެނީ 1900ގަ އެވެ.