ކުޑަކުދިންގެ ހިޔާ އިން ޝައިމް އަބްދުﷲ ފިލައިގެން ދިޔަ މައްސަލާގައި އެތަނުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި ޝިދާތާ ވިދާޅުވީ ޝައިމް ފެނިފައި ވަނީ މާލޭގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކުން ކަމަށެވެ. އެކަމުގައި ބޮޑެތި މީހުންގެ ބައިވެރިވުން އޮތް ކަމަށާއި ހިޔާގެ މުވައްޒަފެއްގެ ޝާމިލްވުން އޮތްތޯ ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ އެކަން ހިނގައި ދިޔަ ގޮތް އިތުރަށް ބަލަމުން،" ޝިދާތާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޝައިމް މިހާރު ހުރީ ޖެންޑަ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އޭގެ ދެ ހަފުތާ ފަހުން ޝައިމް ހޯދީ މާލޭގެ ގެއެއްގެ ތެރެއިންނެވެ. އަދި ޝައިމް ގެއެއްގެ ތެރޭގައި ފިލުވި މައްސަލައިގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހިޔާގައި ތިބޭ މުވައްޒަފުންނަކީ ހުރިހާ ވަގުތެއްގައި ވެސް ކުދިން ބެލެހެއްޓުމުގެ ޒިންމާ ނަގަންޖެހޭ ބައެއް ކަމަށާއި އެތަނުގައި ތިބޭ ކުދިންނަކީ އަބަދުވެސް އަޅާލުން ބޭނުންވާ ކުދިން ކަމަށް ޝިދާތާ ވިދާޅުވި އެވެ.
ހިޔާގައި ތިބި ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް އެތަނުގައި ތިބި މުވައްޒަފުން ކުރަން ޖެހޭނެ ކަމަށާއި އެތަނުގައި އުޅޭ ކުދިންނާ އަރާރުންވުން ފަދަ އެއްވެސް އަމަލެއް ހިންގާފައިވާކަން އެނގިއްޖެ ނަމަ އެ މުވައްޒަފަކަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ކުރިން ވިދާޅުވެފައި ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރައްވާ ކަމަށެވެ. ކުށުގެ ވެށީގައި އުޅެނިކޮށް އެ ކުއްޖާ މިދިޔަަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށް ވިދާޅުވި އެވެ. ބެލެނިވެރިންނާއި އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅުހެދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.