ޖޭއެސްސީގެ ތަހުގީގަށް އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ބަޔާން ނަގައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފްގެ ބަޔާން ނަގައިފި އެވެ.


އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ބަޔާން ނަގާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަނީ ޖޭއެސްސީގެ ވަކި ތަހުގީގު ކޮމެޓީއަކުންނެވެ.

އެ ބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅި ދެ ޝަކުވާއެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނީ މިިދިޔަ ބުދަ ދުވަހެވެ. ނަމަވެސް އެއީ ކޮން ޝަކުވާތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ފަނޑިޔާރުންނަކީ، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި، އޭރު ޖަލުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންނާއި އިތުރު އެތައް ބަޔަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ފަހުން ބާތިލްކުރެއްވި ބޭފުޅުންނެވެ. އަމުރު ބާތިލްކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހުގަ އެވެ.

މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރެވެ. އަދި އެ މަނިކުފާނަކީ ޖޭއެސްސީގެ ރައީސެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިހާރު ވަނީ އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފަ އެވެ.