މަޝްވަރާއަށް ފުރުސަތު ދޭން ދީބާޖާގެ ހުކުމް ތަންފީޒު މައްސަލަ މަޑުޖައްސާލަން އެދިއްޖެ

ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން މަޝްވަރާ އަށް ފުރުސަތު ދިނުމަށްޓަކައި، އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ މަޑުޖައްސާލަން ދީބާޖާ އިން ކޯޓުގައި އެދިފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.


ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރީ އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގަ އެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެހެންވެ، އެ ހުކުމް ތަންފީޒުު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިން އޮތީ ފަށައިފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ފަރާތުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ރައީސަށް ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީ އަށް ހުށަހަޅައިގެން އެ މައްސަލާގައި ހައްލެއް ހޯދައި ދިނުމަށް ދީބާޖާ އިން އެޓާނީ ޖެނެރަލްގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި އެކަމަށް އެދި އެ ކުންފުނިން ފާސްކޮށްފައިވާ ގަރާރުގައި، އެ ކޮމެޓީ މެދުވެރިކޮށް އެ މައްސަލާގައި ހައްލެއް ހޯދަން ކުރާ މަސައްކަތަށް ފުރުސަތު ދިނުމުގެ ގޮތުން، ކޯޓުގައި ހިނގަމުންދާ ހުކުމް ތަންފީޒު މައްސަލަ މަޑުޖައްސާލަން ކޯޓުގައި އެދެން ނިންމާފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

"އެ ގަރާރުގައި ބުނެފައިވާ ގޮތަށް އެ މައްސަލާގެ އަޑުއެހުންތައް މެދުކަނޑާލަން ސިވިލް ކޯޓުގައި އެދުނު ސިޓީގެ ކޮޕީއެއް މި އޮފީހަށް ލިބިފައިވެ އެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ދީބާޖާ އިން އެދުނު ގޮތަށް، ސެޓްލްމަންޓް ކޮމެޓީގައި އެ މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދާނެ އެވެ.

އޭޖީ އޮފީހުން ކުރިން ބުނެފައިވަނީ ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއުކުރަން އެ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ސާފެއް ނުވެ އެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދޭން 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ހައި ކޯޓުން ބާތިލްކުރި އެވެ. އެކަމަކު ދީބާޖާއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަހަރު ނިންމީ ހައި ކޯޓަށް އެ މައްސަލަ ދައުލަތުން ހުށަހަޅާފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ހައި ކޯޓުގެ ހުކުމް ގޯސް ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ ކުރީގެ ހުކުމާ އެއްގޮތަށް، ދީބާޖާއަށް ބަދަލު ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.