ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ހުށަހެޅި ބިލް ބޭރުކޮށްލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މަޖިލިހަށް ހުށަހެޅުއްވި ބިލް މިއަދު ބޭރުކޮށްލައިފި އެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހު ބަލައިނުގަނެ ބޭރުކޮށްލީ 57 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ބަލައިގަތުމަށް ފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު އިންނެވި އެވެ.

ނާޒިމް ހުށަހެޅުއްވި ބިލްގައިވާ ގޮތުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެފަދަ މީހުންނަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށް ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ އެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.

ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ މި އަހަރަށް ލަފާކޮށް ބަޖެޓު ފާސްކޮށްފައި އޮއްވައި، ބިލް ހުށަހަޅައިގެން އިނާޔަތް ބޮޑު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު، އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ބައެއް މެމްބަރުން ގަބޫލުކުރެއްވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ލިބެނީ އެމީހުންގެ ބޭނުންތައް ފުއްދަން އެންމެ އެކަށީގެންވާ އަދަދެއް ނޫނެވެ. އެހެންވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަން ތާއީދުކުރައްވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މި އަހަރަށް ބަޖެޓެއް ހިނގަމުން ދަނިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ފައިސާ އިތުރުކުރަން އުނދަގޫވާނެ ކަމަށެވެ. އަދި ނާޒިމް ބިލް ހުށަހެޅުއްވީ ސަރުކާރާއި އެމްޑީޕީއާ މަޝްވަރާ ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ޖޭޕީގެ ނައިބު ލީޑަރު ކަން ކުރައްވާ ނާޒިމް ވިދާޅުވީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތަސް، ރައްޔިތުންގެ މަޖިލިހަށް ބިލްތައް ހުށަހަޅަނީ ވެސް މަޝްވަރާކޮށްގެން ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވީ ބިލް ހުށަހެޅުއްވުމުގައި ސިޔާސީ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ބިލަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަ ކުރަން، ހެޔޮ ނިޔަތެއް އޮވެގެން ހުށައެޅުއްވި ބިލެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލް ހުށައެޅުއްވުމުގެ ކުރިން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރެއްވި އެވެ.