ބީއެމްއެލުން "ނޮޓް ނެގޯޝިއަބްލް" ޗެކުތަކެއް ވެސް އެސްއޯއެފަށް ޖަމާކޮށްދިންކަމުގެ ތުހުމަތު!

އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ދައުލަތަށް 1.3 ބިލިއަން ރުފިޔާ ގެއްލުނު ޚިޔާނާތުގައި، ބީއެމްއެލް އިން މިގޮތަށް އަމަލުކުރިކަން ތަހުގީގަށް އެނގިފައިވޭތޯ އެހުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިއެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ފެށުނީއްސުރެ ބީއެމްއެލުން އަންނަނީ ބުނަމުންނެވެ. އަދި މިދިއަ ހަފުތާގެ އަންގާރަަދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް އެ ބޭންކުން ތަކުރާރުކޮށް، އެގޮތަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިއަދު ބީއެމްއެލް އަށް ގުޅުމުން ވެސް އެތަނުގެ އިސް ބޭފުޅަކު ވިދާޅުވީ "ނޮޓް ނެގޯޝިއަބްލް ޗެކެއް ޖަމާކޮށްފައި ނޯންނާނެ" ކަމަށެވެ.

އެކަމަކު ހެކި ހުރި ބައެއް މީހުން، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނީ ހަމައެކަނި އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރެވޭ ގޮތަށް ދޫކޮށްފައިވާ "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އެ ބޭންކްގައި އޮންނަ އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްގެ ޗެކްތަކެއްގެ އިތުރުން އެހެން ބޭންކްތަކުގެ ހަމަ އެކަހަލަ ބައެއް ޗެކްތައް ވެސް ޖަމާކޮށްދީފައިވާ ކަމަށް އެނގިފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެންޑޯސްމަންޓާ ޚިލާފަށް ބީއެމްއެލް އިން ޗެކްތަކެއް ޖަމާކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އާއި އޭސީސީން ކުރި ތަހުގީގުތަކުގެ ރިޕޯޓްގައި ބުނެފައިވީ ނަމަވެސް ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ޖަމާކޮށްފައި ހުރި ކަމަކަށް ސީދާ ބުނެފައެއް ނުވެ އެވެ. އަދި ބީއެމްއެލްގެ ދިފާއު މިހާތަނަށް ބިނާކޮށްފައި އޮތް މައިގަނޑު ބިންގަލަކީ ވެސް، އެފަދަ ޗެކެއް އެހެން ބަޔަކަށް ޖަމާކޮށްފައިނުވާނެ ކަމެވެ.

އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައި ވަނީ ބީއެމްއެލް އިން ޗެކްތައް ޖަމާކޮށްދީފައި ވަނީ އެންޑޯސްކުރުމުގެ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި އޭސީސީން މިދިއަ ފެބްރުއަރީ މަހު އާންމުކުރި ތަހުގީގު ރިޕޯޓްގައި ވެސް އެފަދަ ޗެކެއް، އެހެން ބަޔަކަށް ޖަމާކުރިކަމުގެ ވާހަކައެއް ނެތެވެ.

ނޮޓް ނެގޯޝިއަބްލް ޗެކްތަކުގެ ވާހަކަ މިހާރު ކީއްވެ؟

ކުރިން ހިންގި ތަހުގީގުތަކުގައި ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް އެސްއޯއެފަށް ޖަމާކޮށްދިން ވާހަކަ ނެތީ ކީއްވެގެން ކަމާ މެދު ސުވާލު އުފެދުނަސް، ބައެއް މުއައްސަސާތަކުން އެކަމަށް ރައްދުވާ ގޮތަށް، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގައި ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އޭސީސީން ބުނެފައި ވަނީ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތުތައް ހޯދުމުގައި ބީއެމްއެލްގެ ތެރެއިން ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

ބީއެމްއެލްގެ ތަހުގީގާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ބީއެމްއެލް އިން ޖަމާކޮށްދިން ކަން ފާހަގަވެ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. ބީއެމްއެލްގެ މުވައްޒަފުންނާ ސުވާލުކޮށް ތަހުގީގަށް ބަޔާންތައް ނަގަމުންދާތީ އޭނާ ތަފްސީލެއް ނުދެއްވި އެވެ.

ހިޔާނާތާ ގުޅިގެން ނެރުނު އޭސީސީގެ ރިޕޯޓުގައި އެ ވާހަކަ ނުހިމެނީ ކީއްވެތޯ އެހުމުން އޭނާ ވިދާޅުވީ ތަފްސީލުތައް ނުހިމެނި ސަބަބަކީ ރިޕޯޓު ނެރުނު އިރު ބީއެމްއެލްއާ ގުޅޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އަދި ނޮޓް ނެގޯޝިއަބްލް ޗެކްތަކާ ގުޅޭ ގޮތުން އެ ތަހުގީގުގައި ސުވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީ އަށް ބީއެމްއެލްގެ އިސް ވެރިން ހާޒިރުކުރުމުން އެންމެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ވެސް އެންޑޯސް ނުކުރެވޭ ޗެކްތަކެއް ޖަމާކޮށްދިން ސަބަބާ ގުޅޭ ގޮތުންނެވެ. އެކަމަކު ނޮޓް ނެގޯޝިއަބްލް ޗެކްތައް ޖަމާކުރި ސަބަބާ ގުޅޭ ގޮތުން ކުރި ތުހުމަތުތައް ބޭންކުން ދޮގުކުރި އެވެ.

ބީއެމްއެލުން އަމަލުކުރި އުސޫލު ދިފާއު ކުރައްވަމުން ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ނަމުގައި އެންޑޯސް ކޮށްގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ޗެކްތަކަކީ "ނޮޓް ނެގޯޝިއަބްލް" ޖަހާފައިވާ ޗެކްތަކެއް ނޫން ކަމަށެވެ. ބޭންކުން އަމަލުކޮށްފައި ވަނީ ގާނޫނުތަކާއި ބޭންކިން އުސޫލްތަކާ އެއްގޮތަށް ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ރާއްޖޭގެ ގައުމީ ބޭންކްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.