ޔުއެފާގެ އަންޑާ 15 މުބާރާތުގައި ވާދަކުރާ ދިވެހި ޓީމު އައްޑު އަށް އަތުވެއްޖެ

އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ފަށާ ޔުއެފާ އެސިސްޓް "އަންޑަ 15 އިންޓަނެޝަނަލް ޓޯނަމަންޓް" ގައި ވާދަ ކުރާ ޓީމުތައް އައްޑު އަށް އަންނަން ފަށައިފި އެވެ.


މިއަދު މެންދުރު ފަހު އައްޑު އަށް އެންމެ ފުރަތަމަ އައި ޓީމަކީ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމެވެ. އެ ޓީމަށް ގަން އިންޓަނެޝަނަލް އެއާޕޯޓުން މަރަހަބާ ކިޔާފައި ވަނީ އެފްއޭއެމްގެ ވެރިންނާއި އައްޑޫގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނެވެ.

މި މަހުގެ 20-29 އަށް ހިތަދޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަ ކުރަނީ ސައުދީ އަރަބިއްޔާ އާއި ބޫޓާންގެ އިތުރުން ލެޓްވިއާ އެވެ.

މުބާރާތުގައ ވާދަކުރާ ބޭރު ގައުމުތަކުގެ ޓީމުތައް މިހާރު މާލެ އައިސްފައިވާ އިރު، ބޫޓާނާއި ލެޓްވިއާގެ ޓީމް އައްޑު އަށް އަންނާނީ މިއަދު ހަވީރެވެ. އަދި ސައުދީގެ ޓީމު އަންނާނީ މިރެ އެވެ.

މުބާރާތުގެ ތާވަލު.

އެފްއޭއެމްގެ ރައީސް ބައްސާމް ބއަދީލް ޖަލީލް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، ބައިނަލްއަގްވާމީ މިފަދަ މުބާރާތެއް އައްޑޫގައި ކާމިޔާބުކަމާ އެކު ބޭއްވުމަކީ ކުރިމަގުގައި އަތޮޅުތެރޭގައި ގިނަ މުބާރާތްތަކެއް ބޭއްވުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެހެންވެ އައްޑޫ މުބާރާތް ވަރަށް ފުރިހަމަކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވި ގޮތުގައި މި މުބާރާތުގެ ސްކޯ އިން ނެރޭ ނަތީޖާ އަށް ވުރެ ބޮޑަށް ދިވެހި ޓީމަށް އޮތް ފައިދާއަކަށް ވާނީ ޓީމު ބިނާ ކުރަން ކުރާ މަސައްކަތްތަކަށް ރަނުގެ ފުރުސަތެއް ލިބުމެވެ.

"މުބާރާތަށް މި އަންނަނީ ލެޓްވިއާ ސައުދީ އަރަބީއްޔާ އަދި ބޫޓާން. އޭގެ ތެރެއިން ލެޓްވިއާ އަދި ސައުދީ އަރަބިއްޔާ އެއީ ވަރުގަދަ ދެ ގައުމު. މުބާރާތުގައި އަޅުގަނޑުމެންގެ ބޭނުމަކީ ނަތީޖާ އަށް ވުރެ ބޮޑަށް، ޒުވާން ޓީމުތައް ކުރިމަގަށް ޑިވެލޮޕްވެގެން ދިއުން،" އޭނާ ވިދާޅުވި އެވެ. "ވަރުގަދަ މެޗްތަކެއް ލިބި ވަރުގަދަ ބަޔަކާ އެކު ކުޅެ، އިރާދަކުރެއްވިއްޔާ އަންޑާ 19 ނުވަތަ 23 އަހަރުން ދަށަށް އެ ކުދިންނަށް ދެވޭއިރު ރަނގަޅު ވަރުގަދަ ޓީމަކަށް ދިވެހި ޓީމް ބިނާވެގެން ދާނެ."