ރާއްޖޭގެ ފުރަތަމަ ކަށީގެ ޑޮކްޓަރު، އަދި މިދިޔަ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހައްމަދު ހަބީބު މާދަމާ އިން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި މީހުން ބައްލަވަން ފައްޓަވަން ނިންމަވައިފި އެވެ.
މީގެ ހަތް އަހަރު ކުރިން އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ ކަން ކުރެއްވި ހަބީބު ވަނީ އެއިރުން ހޮސްޕިޓަލްތަކުގައި ބަލި މީހުން ބެއްލެވުން ހުއްޓާލައްވައިފަ އެވެ. ނަމަވެސް ކްލިނިކްތަކުގައި މީހުންނަށް ފަރުވާ ދެއްވަމުން ގެންދެވި އެވެ.
ކަށީގެ އޮޕަރޭޝަންތަކާއި އެކިއެކި ތަދުތަކަށް ފަރުވާ ދެއްވާ ހަބީބު މިއަދު ވިދާޅުވި ގޮތުގައި މާދަމާ އިން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި އޭނާ ފަރުވާ ދެއްވަން ފައްޓަވާނެ އެވެ.
"ފުލްކޮށް ބަލި މީހުން ބެލުމަށް އަޅުގަނޑު އެނބުރި މި އަންނަނީ،" ވޭތުވެދިޔަ އަހަރުތަކުގައި ސިއްހީ ދާއިރާގެ ހިންގުމުގައި އުޅުއްވި ހަބީބް ވިދާޅުވި އެވެ.
ސ. ހިތަދު އަށް އުފަން ހަބީބަކީ، ކަށީގެ ޚާއްސަ ޑޮކްޓަރަކަށް ވެވަޑައިގަތުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގެން އައިޖީއެމްއެޗުގައި ކަށީގެ ޑިޕާޓްމަންޓެއް އުފައްދަވައި އެ ޑިޕާޓްމަންޓު ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ. އަދި އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ އެ ހޮސްޕިޓަލްގެ ކަށީގެ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ ގޮތުގަ އެވެ.
ހަބީބު، މާދަމާ ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިވަޑައިގަންނަވާއިރު، އެ ހޮސްޕިޓަލުން މިހާރު އާސަންދައިގެ ދަށުން ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ކުރެ އެވެ.
ސަރުކާރުގެ ހަރަދުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް، އާސަންދަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އައިޖީއެމްއެޗާ އެކު މިދިޔަ މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.