(ކ-ވ) ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު އަނިލް، މުނައްވަރު، ޝައިނީ އަދި އޭރުގެ ނައިބު ރައީސް ޖިހާދު.
21 ޖުލައި 2019 - 13:24
އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއުތަކެއް ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ހިންގާ ކަމަށް ބުނެ އިޝްތިހާރު ކުރަމުން އަންނަ ކުންފުންޏަކުން، ކުރީ ސަރުކާރުގެ އިސް ހަތަަރު ބޭފުޅެއްގެ ނަން ބޭނުންކޮށް، އެންމެ ފަހުން އެ ނަންތައް ކުންފުނީގެ ޕްރޮފައިލުން އިއްޔެ އުނިކޮށްފި އެވެ.
މޯލްޑިވްސް އެސެޓް މެނޭޖްމެންޓް ޕަބްލިކް ލިމިޓެޑްގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނީގެ މެނޭޖްމަންޓް ޓީމުގެ ގޮތުގައި އާންމުކުރި ލިއުންތަކުގައި، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ ނަން ހިމެނުނެވެ.
މުނައްވަރުގެ ނަން އޮތީ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ)ގެ ގޮތުގަ އެވެ. އެކަމަކު މިދިއަ ބުރާސްދަތިދުވަހު އޭނާ ވިދާޅުވީ އެއީ އޭނާއަށް އެނގިވަޑައިގެން ކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި މިއަދު ވިދާޅުވީ އޭނާގެ ނަން އެ ކުންފުނީގެ ލިއުމުގައި މިހާރު ނޯންނާނެ ކަމަށެވެ.
ޖިހާދާއި ޑރ. ޝައިނީ އަދި އަނިލްގެ ނަން އޮތީ އެޑްވައިޒަރުންގެ ގޮތުގަ އެވެ.
ޝައިނީ ވިދާޅުވީ އެ ކުންފުނީގައި އޭނާގެ ބޭރު ބައެއް ރައްޓެހިން ތިބި ކަމަށެވެ. ނަމަވެސް އެ ކުންފުންޏާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެބޭފުޅުން ދަންނަން. ވިޔަފާރީގެ ކަންކަމުގައި އެމީހުންނަށް ލަފާ ވެސް ދީފައި ހުންނާނެ. އެކަމަކު އެކުންފުންޏާ އަޅުގަނޑަކާ އެއްވެސް ގުޅުމެއް ނެތް،" ޝައިނީ ވިދާޅުވި އެވެ.
މޯލްޑިވްސް އެސެޓް މެނޭޖްމަންޓްގެ އިސް ވެރިންގެ މައުލޫމާތު ހިމެނޭ ބަޔަށް މިހާރު ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ކުރީ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ ނަމެއް މިހާރު ފެންނާކަށް ނެތެވެ.
ކުންފުނިން ރާއްޖޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު އެބަ ހުއްޓެވެ. އެ ކުންފުނިން އިޝްތިހާރުކޮށްފައިވާ ގޮތުގައި ހުޅުމާލޭގެ ބިމުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައިގައި އެކުންފުނިން މަޝްރޫއުތައް ހިންގާނެ އެވެ. އަދި އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެޗްޑީސީން ބުނީ މޯލްޑިވްސް އެސެޓް މެނޭޖްމަންޓަށް ހުޅުމާލެ އިން އެއްވެސް ބިމެއް ދޫކޮށްފައި ނުވާނެ ކަމަށެވެ.
މޯލްޑިވްސް އެސެޓް މެނޭޖްމަންޓް ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ޖިރާތު ޕެޓްނުންތާވޮންގް ނަމަކަށް ކިޔާ މީހެކެވެ. އެކަމަކު ކުންފުނީގެ ވެބްސައިޓްގައި ކުރިން އޮތް މެނޭޖްމަންޓް ލިސްޓާއި ފަހުގެ ލިސްޓްގައި ވެސް އޭނާގެ ނަމެއް ނެތެވެ.
ވެބްސައިޓްގައި ބުނެފައިވާ ގޮތުން ކުންފުނީގެ ބާނީ އަދި ސީއީއޯ އަކީ މެލޭޝިއާގެ މީހެއްގެ ކަމަށްވާ އެރިކް ކޯ އެވެ. އޭނާގެ ތައާރަފްގައި ވާ ގޮތުން އެއީ މެލޭޝިއާގެ ފުލްޑާ އިންޓަނޭޝަަނަލް ނަމަކަށް ކިޔާ ކުންފުންޏެއްގެ ވެސް ސީއީއޯ އެވެ. އޭގެ އިތުރުން އެތައް ގައުމެއްގެ އެތައް ކުންފުންޏެއްގެ މަތީ މަގާމުތައް ފުރާފައިވާ ކަމަށް ތައާރަފްގައި ލިއެފައިވެ އެވެ.
މޯލްޑިވްސް އެސެޓް މެނޭޖްމަންޓްގެ ޓީމުގެ ޗެއާމަނަކީ، ވެބްސައިޓްގައި ވާ ގޮތުން، ފިލިޕް ވޮން އެވެ. އޭނާއަކީ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރު އަރުވާލެއްވިގެން އުޅުއްވާ ތަކްސިން ސިނެވަތުރާގެ މުޝީރެއް ކަމަށް، ތައާރަފުގައި ލިއެފައިވެ އެވެ. އޭގެ އިތުރުން އޭނާއަކީ ވަރަށް ގިނަ ކުންފުންޏާއި ބޭންކްތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާ ބޭފުޅެއް ކަމަށް ވެސް، ތައާރަފުގައިވެ އެވެ.
އެސެޓް މެނޭޖްމެންޓްގެ ވެބްސައިޓްގައިވާ ގޮތުން އިންވެސްޓްމަންޓްތަކަށް އެ ކުންފުނިން މިހާތަނަށް 10 ބިލިޔަން ޑޮލަރު ވަނީ ހޯދައިފަ އެވެ. އަދި އެ ކުންފުނިން އިންވެސްޓްކޮށްފައިވާ އެތައް މިލިއަން ޑޮލަރެއް ހިމެނޭ ޕްރޮޖެކްޓްތަކުގެ އަދަދަކީ 20 އެވެ. އެގޮތުން ދުނިޔޭގެ 10 ގައުމެއްގައި އެ ކުންފުނީގެ އޮފީސްތައް ހުރި އިރު މުވައްޒަފުންގެ އަދަދަކީ 200 ކަމަށް ވެސް، ކުންފުނީގެ ޕްރޮފައިލްގައި ލިއެފައިވެ އެވެ.
މޯލްޑިވްސް އެސެޓް މެނޭޖްމަންޓް ޕަބްލިކް ލިމިޓެޑުން ހުޅުމާލޭގައި ގިނަ މަޝްރޫއުތަކެއް ހިންގާ އަދި ހިންގަން ތައްޔާރުވަމުން އަންނަ ކަމަށް އިޝްތިހާރުކޮށްފައިވ ވިޔަސް އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭން އެއްވެސް ބިމެއް އެމީހުންނަށް ދޫކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުރެހުންތަކަކާއި މައުލޫމާތުތަކެއް އެމީހުން ބޭނުންކޮށްފައި އެހެރީ. އެކަން ބަލަމުން މިދަނީ،" ސުހައިލް ވިދާޅުވި އެވެ.
"އެކަމަކު އެކުންފުންޏާއި އެޗްޑީސީއާ އެއްވެސް ގުޅުމެއް ނެތް."
ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރަން މިހާރުގެ ސަރުކާރާ އެކު މޯލްޑިވްސް އެސެޓް މެނޭޖްމަންޓުގެ ބައެއް ވެރިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އެ ވާހަކަ އަށް ބާރު ލިބޭ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެނދަން
23 July 2019
ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ގޮތަށް ރަޖިސްޓްރީ ކޮށްދިން ގޮތެއް ނޭނގެ، އެކަމް މި ކުންފުނިން ޕަބްލިކަށް ހިއްސާ ވިއްކި ކަމެއް މީޑިއާ އަކުންވެސް ނުފެނެ. ހިއްސާ ވިއްކަން ބޭނުންކުރި ޕްރޮސްޕެކްޓަސް އެއްވެސް ނުފެނުން. ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކިހިނެއް ޕަބްލިކް ކުންފުންޏެއް ގޮތަށް ރަޖިސްޓަރ ކުރި ކުންފުންޏެއްތޯ މީޯ ސާފުކުރަންޖެހޭ ކަމެއް.
އަށްޑޫ ކަތީބު
22 July 2019
ތިޔަކަމަކުން އަހަރުމެން ހިަތކަށް އެކައްޗެއްވެސް ނާރާ. މިސަރުކަރުގަ ނޫންތަ އުޅޭނީ މައުމޫނުގެ ފޮތޯ ގޮނޑަށް އުކާލި މީހުން. ހަސައިގެ ފިލުވަން އައިސަރުކާރެއްމީ. ގައުމަށް ހެޔޮއެދިގެން އައިބަޔެއްނޫން..
ކަމުގެ މާހިރުންގެ ލަގާކުރުން
22 July 2019
ތިތަނުގަ ރޭައްޖޭގެ އަލްޗަބޯ ހިމަނާލީމަ ފަސްމާމުލީ 5 ވަގުން ހަމަވީ
ފާތިމަތު
22 July 2019
ހާދަ ދެން ގަމާރު ބައެކޭ ދޯ މީ.. ހީކުރީބާ އެއްވެސް މީހަކަށް މިހާ ބޮޑު ދޮގު ހަދާއިރު ނޭގޭނެޔޭ.. ހަހަހަހަހަ
އޮޅުވާލީ
22 July 2019
ތިއީ މަނީ ލޯންޑަރިންއަށް ހަދައިގެން އުޅޭ ކުންފުންނެއް..
ޝައިޚް.
22 July 2019
މުޅި ދިވެހި ދައުލަތް ލޫޓުވާލި ބައިގަނޑު، ގައުމުގެ އަގުވައްޓާލާފަ ، ކިރިއާ މި ގައުމު އަތުވީ،
އަށްޑޫ ކަތީބު
22 July 2019
އަތުލާަ ދެން މި 5އަހަރު ނިމޭއިރު ރޯން ނުހުންނާތި
ރާޅުގަނޑު
22 July 2019
ކޮމެންޓް ކުރާމީހުން ހާދަހީވެއޭ ހަމަ އެއްވެސް ވަރަކަށް ޚަބަރުކިޔާނުލާހެން. މީ މިއަހަރު، މި ސަރުކާރުގަ އުފެއްދި ޕަބްލިކް ލިމިޓެޑް ކުންފުންޏެކޭ.. މިޔީގެ ހަޤީގަތް އެނގޭނީ ހަމަ މި ސަރުކާރަށޭ.. ޔާމީނޭ، ހާމާނޭ ކިޔާނެކަމެއް ނެތޭ..
ޢިސްކުރު
22 July 2019
ޢެއްޗެއް ލިޔެލެވިއްޖެނުން ދެންތިމާ ވަރެއް ނެތިގެން އުޅުނީމަ ނިމުނީނުން ދެއްތޯ؟
ހެއްވާ
21 July 2019
މީގެކުރިން ރައްޔިތުންގެ ނަންތައް ރައްޔިތުންނަށް ނޭނގި ޕާޓީތަކަށް ރަޖިސްޓްރީ ކޮށްފަ ނެއްބާ.
ޕަބްލިކް ލިމިޓެޑް ކޮންޕެނީ
21 July 2019
މި ކުންފުނި ކޮން އުސޫލަކުން ތޯ ޕަބްލިކް ލިމިޓެޑް އަކަށް ވީ؟ ސަރުކާރުން މި ކުންފުނީގެ ހިއްސާ ގަތީ ތޯ ނުވަތަ އައިޕީއޯ ހަދައި ޕަބްލިކަށް ކުންފުނީގެ ހިއްސާ ވިއްކީތޯ؟ އަދި ކުންފުނީގެ ނަމުގެ ފަހަތައް “ޕަބްލިކް ލިމިޓެޑް ކޮންޕެނީ” މި އަންނަނީ ކޮން އުސޫލަކުން ތޯ؟ ކުންފުންޏާއި ބެހޭ ޤާނުނޫގެ ދަށުން ކުންފުންޏެއް ވާން ޖެހޭނީ ޕަބްލިކް ލިމިޓެޑް އަކަށް ނޫނީ ޕްރައިވެޓް ލިމިޓެޑް އަކަށް...ޒީރޯ ޓޮލަރެސް ރެޖިސްޓްރާ އޮފް ކޮންޕެނީސް މި އޮތީ ކޮރަޕްޝަން ހިންގާފަ..
ޖިރަތު
22 July 2019
އުފެދުމުގައި ބާތިލް ކުންފުންޏެއް
އަވަސް
21 July 2019
ކޮބާ މިފަދަ ބިޔަ ކޮންޕެނީއެއް ރަޖިސްޓަރީ ކޮއްފައޮތީ މިދިޔަ މާރިޗް ގައިކަމުން މި ކުންފުނީގެ ވަނަވަރު ސަރުކާރައް ބަރާބަރައް އިންގޭނެކަމުގައި ދެކެން. ދެން ސަރުކާރުން ކުންފުނީގެ ވަނަވަރު ރައްޔިތުންނައް ހާމަކޮއްދެއްވަންވީނުންތޯ!