ހިތަދޫ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްފި

އައްޑޫ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޝަރުތު ހަމަވެގެން އާންމު ކުރި ލިސްޓާ ގުޅިގެން ޕޮއިންޓް ލިބުނު ގޮތާ ދޭތެރޭ އެއްވެސް ޝަކުވާއެއްވާ ނަމަ އެކަމަށް ހުޅުވާލި މުއްދަތު އައްޑޫ ސިޓީ ކައުންސިލުން އިތުރުކޮށްފި އެވެ.


ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި ޕޮއިންޓް ލިބުނު ގޮތާ ދޭތެރޭ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ކުރިން ހުޅުވައިލީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ.

ނަމަވެސް ކައުންސިލުން ބުނި ގޮތުގައި އިތުރު ފުރުސަތު ދިނުމުގެ ގޮތުން ސުންގަޑި މިހާރު ވަނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. މުއްދަތު އިތުރު ކުރުމާ އެކު، ޕޮއިންޓް ދެވިފައިވާ ގޮތުގެ ތަފުސީލު ފެންނަން ނެތުމުން ޝަކުވާ ހުށަހެޅުމަށް އުނަދަގޫތަކެއް ކުރިމަތިވާ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރާތީ ޕޮއިންޓް ދިން ގޮތުގެ ތަފުސީލު ލިސްޓް ވެސް ކައުންސިލްގެ ވެބްސައިޓާއި ނޯޓިސް ބޯޑާއި އަވަށު އޮފީސްތަކުގައި ފެންނާނެ ގޮތަށް މިހާރު ވަނީ ބަހައްޓައިފަ އެވެ.

ހިތަދޫގައި އިމާރާތް ކުރި 264 ފްލެޓަށް ކުރިމަތިލާން ހުޅުވައިލިތާ ތިން އަހަރު ފަހުން ލިސްޓް އާންމު ކުރި އިރު، ޝަރުތު ހަމަވެގެން ލިސްޓްގައި ޖުމްލަ 414 މީހުންގެ ނަން ހިމެނެ އެވެ. އެކަމަކު ފްލެޓްތަކަށް ޖުމްލަ 577 މީހުން ކުރިމަތިލި އެވެ.

އެގޮތުން ހިތަދޫ ފްލެޓްތަކުގެ ތެރެއިން އެ އަވަށު ރައްޔިތުންނަށް ހާއްސަކޮށްފައިވާ 150 ފްލެޓަށް ޖުމްލަ 446 މީހުން، މަރަދޫ/ މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށް ހާއްސަ ކުރި 30 ފްލެޓަށް ޖުމްލަ 54 މީހުން އަދި ހިތަދު އަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ އެހެން ރައްޔިތުންނަށް ހާއްސަ ކުރި 50 ފްލެޓަށް 70 މީހަކު ކުރިމަތިލި އެވެ.

ކައުންސިލުން ބުނި ގޮތުގައި ފްލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކުރާނީ ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ނުވަތަ ސާފު ކުރެވޭ އިތުރު މައުލޫމާތާއި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހު އެވެ.