ސިވިލް ސާވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަނީ

ސިވިލް ސާވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއް ގައި މިނިސްޓަރު އަމީރު ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ އެއް ހަމައަކަށް ގެނެސް، މުސާރައިގެ ތަފާތުތައް ކުޑަކޮށް، މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. އަދި އެކަން ކުރުމުގެ މަސައްކަތް ނޭޝަނަލް ޕޭ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އަންނަ އަހަރު މުޅި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކޮށް، އެ އަށް ބަދަލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، މުސާރަ ބޮޑުކުރާނެ މިންވަރެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސަރުކާރު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިވިލް ސާވަންޓުން ކަމަށް ވިޔަސް އެ މީހުންގެ މުސާރަ އާއި އެލަވަންސް ކުޑަކަމުގެ ޝަކުވާ އަށް ދުވަހަކު ވެސް މިހާތަނަށް ލުޔެއް ނުލިބެ އެވެ.

ސިވިލް ސާވަންޓުންގެ މުސާރަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެގޮތުން، ޓެކްނިކަލް ކޯ އެލަވަންސްގެ ނަމުގައި މުސާރައިގެ އިތުރުން އެހެން އެލަވަންސެއް އޭރު ދިނެވެ. މި އެލަވަންސް ދިނީ ޓެކްނިކަލް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އެހީތެރިންގެ އިތުރުން ސަޕޯޓް ސާވިސް މުވައްޒަފުންނަށެވެ.

އެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 28 ޕަސެންޓް ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ލިބުނެވެ. މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ. އޭގެ ނަތީޖާ އަކީ ގެ އަށް ގެންދާ މުސާރަ އަށް މާ ބޮޑު ތަފާތުތަކެއް އައިސްފައެއް ނުވެ އެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ދުވަސްވަރު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިތުރު ގަޑީގައި ކިތަންމެ ގިނައިން މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑީގެ ފައިސާ ދެވޭނީ ވަކި ވަރަކަށް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުން ބަދަލު ކުރާނެ ވިދާޅުވެފަ އެވެ. އަދި ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.