ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުކޮށްފި އެވެ.


ބޮޑުކުރި މުސާރަ މި މަހުން ފެށިގެން ދޭން ނިންމައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރި އެ ސާކިއުލާގައި، މުސާރަ ބޮޑުކުރި ގޮތުގެ ތަފްސީލު ވަނީ ހިމަނައިފަ އެވެ.

ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން ތިބޭއިރު، ސާކިއުލާގައިވާ ގޮތުން، އެކި ގިންތިތަކަށް ބޮޑުކުރީ އެކި ވަރަށެވެ. މުވައްޒަފުންގެ މުސާރަ 700ރ. އިން ފެށިގެން 1،500ރ.އާ ދެމެދަށް ވަނީ ބޮޑުކޮށްފަ އެވެ.

ސާކިއުލާގައިވާ ގޮތުން، "ޓެކްނިކަލް ކޯ"ގެ މަގާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންނަށް، އަސާސީ މުސާރައިގެ 28 ޕަސެންޓް ވަނީ ބޮޑުކޮށްފަ އެވެ. ސަޕޯޓް ސާވިސް (އެސްއެސް ރޭންކް)ގެ މަގާމްތަކުގައި ތިބި މީހުންނަށް 1،200ރ. ގެ އެލަވަންސެއް ހަމަޖައްސާފައިވާ ކަމަށް ސާކިއުލާގައި ވެ އެވެ.

މުސާރަ އަށް ބޮޑު ބަދަލެއް އައީ، ސީއެސްސީން ބުނާ ގޮތުން ސިވިލް ސާވިސްގެ އިސް މަގާމްތަކަށެވެ. އޭގެ ތެރޭގައި، ޑިރެކްޓަރުންނާއި ޑެޕިއުޓީ ޑިރެކްޓަރުންނާއި މެނޭޖަރުން ހިމެނެ އެވެ.

ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،500ރ. ބޮޑުކުރިއިރު، ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،300ރ. ވަނީ ބޮޑުކޮށްފަ އެވެ. ޑިރެކްޓަރުންގެ މުސާރަ އަށް 1،100ރ. އިތުރުކުރިއިރު، ޑެޕިއުޓީ ޑިރެކްޓަރުންނާއި ސީނިއާ ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އާއި ސީނިއަ އޮފިސަރު އަދި ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އަކަށް ބޮޑުކުރީ 900ރ. އެވެ.

ސީނިއަ އޮފިސަރު ގްރޭޑް 2 އަކުން ފެށިގެން އެސިސްޓެންޓް އޮފިސަރު ގްރޭޑް 1 އާ ހަަމައަށް ބޮޑުކުރީ 700ރ. އެވެ.

މުވައްޒަފުންގެ މުސާރަ މި ބޮޑުކުރީ، ސިވިލް ސާވަންޓުން ޝަކުވާ ކުރާތާ އެތައް އަހަރެއް ފަހުންނެވެ. ސިވިލް ސާވަންޓުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުޖެހެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެ އަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށް އެކަންޏެވެ.