ލީޑިން ޓީޗަރުންނާ ގުޅޭ އުސޫލަކީ ކިޔަވައިދިނުން ހަރުދަނާކުރަން ގެނައި ބަދަލެއް: އެޑިއުކޭޝަން

ލީޑިން ޓީޗަރުންނާ ގުޅޭގޮތުން ނިންމި ނިންމުމަކީ ސްކޫލުތަކުގައި ކިޔަވައިދިނުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރަން ގެންނަ ހެޔޮ ބަދަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.


އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ "ލީޑިން ޓީޗަރުންގެ ޒިންމާ ބަދަލުކުރުމުގެ އުސޫލު" އަކީ ހުރިހާ ސްކޫލެއްގައި ވެސް އެއް ހަމައެއްގައި އެކަން ތަންފީޒުކުރުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށެވެ. ލީޑިން ޓީޗަރުކަމަކީ މަގާމަކަށް ނުވާއިރު އެއީ ޓީޗަރުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް ހަވާލުކުރާ މަސްއޫލިއްޔަތަކަށް ވުމުން، އަލަށް އަމަލުކުރާ އުސޫލުގެ ދަށުން މިހާރު ތިބި އެއްވެސް ލީޑިން ޓީޗަރެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ބުންޏެވެ.

އަންނަ އަހަރުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާއިރު، މިހާރެކޭ ވެސް އެއްގޮތަށް އެ ސްކޫލަކަށް ކަނޑައަޅާފައިވާ އަދަދަށް ލީޑިން ޓީޗަރުން އެ ސްކޫލެއްގައި ތިބޭނެކަމަށް ބަޔާނުގައި ބުންޏެވެ. އާ އުސޫލުގެ ތެރެއިން ލީޑިން ޓީޗަރުން ނެގުން ކުރިއަށްދާއިރު، މިހާރު ތިބި މީހުންނަށް ވެސް ކުރިމަތިލައިގެން ލީޑިން ޓީޗަރަކަށް ވުމުގެ ހަމަހަމަ ފުރުސަތު އޮންނާނެކަން ފާހަގަކުރި އެވެ.

"ލީޑިން ޓީޗަރުންނާ ގުޅިގެން މިހާރު އަމަލުކުރަމުންދާ އުސޫލުން ވެސް ލީޑިން ޓީޗަރުންނަކީ ދެ އަހަރު ދުވަހުން ބަދަލުވާ ގޮތަށް އައްޔަންކުރެވޭ ބައެއް ނަަމަވެސް، އެކަން ހުރިހާ ސްކޫލުތަކުގައި އެއް ހަމައަކުން އަމަލުކުރެވެމުން ނުދާކަން ފާހަގަކުރަމެވެ. އެހެންކަމުން މި އުސޫލާއެކު ހުރިހާ ސްކޫލެއްގައި ވެސް ލީޑިން ޓީޗަރުން އައްޔަންކުރުމާއި މަސްއޫލިއްޔަތު ހަވާލުކުރުން އެއް ހަމައެއްގައި އަމަލުކުރެވިގެންދާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެ އުސޫލު ވުޖޫދަށް ގެނެސްފައިވަނީ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި ސީއެސްސީއާ މަޝްވަރާކުރުމަށްފަހު ކަމަށް ބުންޏެވެ.

ލީޑިން ޓީޗަރުންގެ މަގާމު އުވާލުމާއެކު އެ މަގާމުތަކުގައި ތިބި ޓީޗަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ހައިސިއްޔަތެއް ނެތި ޒިންމާއެއް އުފުލަން ބޭނުންނުވާ ކަމަށް، ކަންބޮޑުވުން ފާޅުކުރި ބައެއް ލީޑިން ޓީޗަރުން ބުންޏެވެ.