ޕީސީބީގައި ގާބިލް ކަމެއް ނެތް، ބޯޑު އެކުލަވާލަން ޖެހޭ: މަޖިލިސް ކޮމެޓީ

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެމްބަރުންގެ ގާބިލް ކަމެއް ނެތް ކަމަށާއި އެ ބޯޑު އަލުން އެކުލަވައިލުމަށް ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމެޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފި އެވެ.


ޕީސީބީގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރާ މިންވަރު ބެލުމަށް މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން އެކުލަވާލި ރިޕޯޓު މިދިޔަ ބުދަ ދުވަހު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައި ވަނީ ޕީސީބީން މަސްއޫލިއްޔަތު އަދާކުރަމުން ނުދާތީ އެތަނުގައި ތިއްބެވި ފަސް މެމްބަރުން ވަކިކޮށް، އާ ބޯޑެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ ބޯޑުގެ ރައީސް މުހައްމަދު ނިޒާރު، މެމްބަރު އަލީ ވާސިފް، މެމްބަރު އަޝްރަފް އަލީ، މެމްބަރު ހުސެއިން އަލީ ހަބީބް އަދި މެމްބަރު އަލީ ޝުޖާއު އެވެ. އެކަމަކު ބޯޑުގައި ހަތް މެމްބަރުން ތިއްބަވަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމް ކުރެ އެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޕީސީބީ އެކުލަވާލި ފަހުން ރައްޔިތުންގެ މަޖިލިހަށް ރުހުން ހޯދަން ފޮނުވާފައި ނުވާ ކަން ފާހަގަކޮށްފައިވެ އެވެ. ކޮމިޓީން ދެކޭ ގޮތުގައި މެމްބަރުންނަށް ރުހުން ހޯދަން މަޖިލިހަށް ނުފޮނުވުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނާ ހިލާފަށް ކުރި ކަމެކެވެ.

ބޯޑުގައި ރަނގަޅު އޮނިގަނޑެއް ހަދާފައި ނެތުމުން އިދާރީ ހިންގުމަށް ބޭނުންވާނެ ގާބިލް މުވައްޒަފުން ބޭނުންވާ އަދަދަށް ނުލިބުމާއި ބޯޑުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވުމާއި އިދާރީ ގޮތުން ހިންގަން ޖެހޭ ކަންކަން ނުކުރެވުމާއި ގާނޫނު އެންމެ ފުރިހަމަ ގޮތަށް ތަންފީޒު ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމުގެ ކަންކަން ރޭވުމާއި ހިންގުމާއި ތަންފީޒު ކުރުމާއި ބެލެހެއްޓޭނެ މެކޭނިޒަމެއް އެކުލަވާލާފައި ނުވުމާއި ދައުލަތުގެ ވިޔަފާރި ތަނެއް ޕްރަވައިޓައިޒް ކުރުމަށް ބޭނުންވާނެ ލިޔެކިޔުންތައް ކަނޑައަޅައި އެ ލިޔެކިޔުންތަކުގެ ނަމޫނާއެއް ތައްޔާރުކޮށްފައި ނުވާ ކަމާއި ޕޮލިސީތައް ހެދުމުގެ ތަޖުރިބާކާރުން ބޯޑުގައި ނެތް ކަމަށް ވެސް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ތެރެއިން ފައިދާ ނުވާ ތަންތަނާ މެދު އަޅާނެ އިސްލާހީ ފިޔަވަޅެއް ބޯޑުން ކަނޑައަޅާފައި ނެތެވެ. ބައެއް ކުންފުނިތައް ދިރާސާކޮށް ހިންގުން ހަރުދަނާ ކުރުމަށް ދޭން ޖެހޭ ލަފާ ބޯޑުން ދިނަސް، ހުރިހާ ކުންފުނިތައް ދިރާސާ ކުރާނެ ގާބިލް ކަމެއް ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެއް އުސޫލަކުން ހިސާބު ބެލެހެއްޓުމާއި އޮޑިޓް ކުރުމުގެ ކަންކަން ހަމަޖައްސާފައި ނެތް އިރު، މަސައްކަތް ކުރުމުގެ ގާބިލް ކަމެއް ވެސް ބޯޑުގައި ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ އެ ބޯޑާ ބެހޭ ގޮތުން އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ މި ހިނގި މުއްދަތުގެ ތެރޭގައި ބޯޑުގެ މައްޗަށް ގާނޫނުން ލާޒިމް ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅޭ ހާލަތެއް މެދުވެރިވެފައިވާ ކަން މިނިސްޓްރީ އަށް ފާހަގަވެފައި ނުވާ ކަން އެ މިނިސްޓްރީގެ ސިޓީއަކުން ކޮމިޓީ އަށް އަންގާފައިވާ ކަމަށެވެ.

އެކަމަކު، ޕީސީބީން ހިއްސާ ކުރި މައުލޫމާތާއި އޮޑިޓަ ޖެނެރަލް އޮފީހުން ހަދާފައިވާ ރިވިއު އިން އެ ބޯޑުން ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގާބިލް މުވައްޒަފުންނާއި ބަޖެޓު ޕީސީބީ އަށް ލިބުން މުހިންމު ކަމަށް ވެސް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.