ހުޅުމާލޭގެ ބީޗް ސަރަހައްދަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމައި މިއަދު ބަންދު ކޮށްފައި.
31 ޖުލައި 2019 - 13:31
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި ފެން ހޮޅި ވަޅުލުމުގެ މަޝްރޫއު ފެށުމަށްޓަކައި އެ ރަށުގައި ކެފޭ/ރެސްޓޯރަންޓް ހިންގާ ބީޗް ސަރަހައްދު މިއަދު ބަންދުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ ބީޗު ސަރަހައްދަށް ނުވަދެވޭނެހެން ޓޭޕް ދަމައި އެތަން ބަންދުކޮށްފައިވާ ކަމަށެވެ. އެޗްޑީސީން ވަނީ ބީޗް ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރެންޓުތައް ހުސްކުރަން އެއް މަސް ދުވަހުގެ ނޯޓިސް އެއް ދީފަ އެވެ. އެ މުއްދަތު މި އަދުގެ މެންދުރު 3:00 އަށް ހަމަވާނެ އެވެ.
ސުހައިލް ވެސް ވިދާޅުވީ، ބީޗް ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރަންޓުތައް މިއަދު މެންދުރު ފަހު 3:00 ގެ ކުރިން ހުސްކޮށް، އެ ސަރަހައްދު ސާފުކުރަން އެދިފައިވާނެ ކަމަށެވެ. އެކަން ނުކޮށްފި ނަމަ އެ ތަންތަން އެޗްޑީސީން ރޫޅާލާނެ އެވެ.
ސުހައިލް ވިދާޅުވީ ހޮޅި ވަޅުލާނީ ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓުތަކުން މިހާރު މޭޒާއި ގޮނޑި ޖަހާފައި ހުރި ތަނުގައި ކަމަށެވެ. އެ ސަރަހައްދުގައި ފަސް ހޮޅިއެއް ވަޅުލާއިރު، އެ މަސައްކަތަށް 8-12 މަސް ނަގާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.
"ބީޗް ސަރަހައްދު ބޭނުންކުރުމާ ގުޅޭގޮތުން އަދި ޕްލޭނެއް ހަދާނަން. އެކަމަކު، ހޮޅި ވަޅުލުމުގެ މަސައްކަތަށް ފަހު އެތަން ބޭނުންކުރާނީ އާއްމު ސަރަހައްދެއްގެ ގޮތުގައި، އެތަނުގައި ގޮނޑި އާއި މޭޒު ޖަހައިގެން. އޭރުން ހިތްހަމަޖައްސާލަން އެތަނުގައި އިށީނދެލެވޭނެ،" ސުހައިލް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފެނުގެ ޚިދުމަތް ދިނުމަށްޓަކައި، ފުރަތަމަ ފިޔަވަހީގެ ބީޗް ސަރަހައްދުން ފެށިގެން ހޮޅި ވަޅުލުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ބީޗް ސަރަހައްދު ބަންދުކުރިއިރު، އެތަނުގައި ކެފޭ/ ރެސްޓޯރަންޓް ހިންގަމުން ދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެންޓި ކޮރަޕްޝަން ކޮމިޝަމް (އޭސީސީ) އިން ވަނީ އެޗްޑީސީ އަށް އަންގައިފަ އެވެ. އަދި އެއްވެސް ކުއްޔަކާ ނުލައި ހުޅުމާލެ ބީޗް ސަރަހައްދުގައި ކެފޭ/ ރެސްޓޯރަންޓް ހިންގުމަކީ އަދުލުވެރި އަދި އިންސާފުވެރި ގޮތަކަށް ނުވާތީވެ، އެކަން ރެގިއުލޭޓު ކުރެވޭނެ އުސޫލަކަށް އަމަލު ކުރުމަށް ވެސް އޭސީސީން ވަނީ އެޗްޑީސީ އަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
01 August 2019
'' އެ ސަރަހައްދުގައި ފަސް ހޮޅިއެއް ވަޅުލާއިރު، އެ މަސައްކަތަށް 8-12 މަސް ނަގާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.'' ނިއުކްލިއަރ ފެސިލިޓީއެއްގެ ހޮޅިތަކެއްތަ މިހާ ދުވަހުން މިމަސައްކަތް ނިމެނީ؟؟؟!!!
މުޙައްމަދުފުޅު
31 July 2019
ހޮޅިވަޅުލާއިރު، ބޭރު މަގުވެސް ފުޅާކުރަންވީ.. ފުޅާކޮށްފައި، ޕާކުކުރެވޭނެ ޖާގަ ހަދައިދޭންވީ.. މިހާރު، ގެސްޓްހައުސްއަކަށް، ވޭނެއް، ކާރެއް، ނޫނީ ޕިކަޕެއް މަޑުކޮށްލާއިރަށް މަގު އެބަ ބެދޭ.. ބުރިޖުން ހުޅުމާލެއާ ގުޅާލެވުނު ފަހުން، އެ މަގު ވަރަށް ބާރުބޮޑު.. އެކަމަށް ހައްލެއް އެބަ ބޭނުންވޭ، އެކަން ކުރެވެން އޮއްވައި.. ވަގުތު ފާއިތުވުމުގެ ކުރިން..
އަހަންމަދާ
01 August 2019
ގެސްޓްހައުސް އާ ކެފޭއާ މޫދު ކުޅިވަރު ހިންގަން ހެދި ތަނެއް ނޫން އެއީ. މީހުން ދިރިއުޅެން ހެދި ތަންނތަން. ދެން ކޮން ވިޔަފާރިއެއް ކުރާކަށް ނުޖެހޭ ކުރާކަށް ވިޔަފާރި ނުކުރެވޭގޮތް ހަދަންވީ. ވިޔަފާރި ކުރަން ސަރަހައްދު ހަދަންވީ
ޗިޗަންޑާނަވާރަބައި
31 July 2019
ހޮޅިވަޅު ލެވެމުންދާވަރަކުން އަމިއްލަ ފަރުދުންވެސް ބީޗްގަ ކެފޭތައް ހިންގުމަށް މަސައްކަތް ފައްޓަވާތި. ތި ބީޗަކީ ނުހައްގުން ހޯދި ގެސްޓް ހައުސް ގެވަޅަށް ވިޔަނުދޭތި
އުފާ
31 July 2019
ޥަރަށް އުފާވެއްޖެ. ޝުކުރުއްޔާ އިބޫ. މިއީ ރަނގަޅު ޢަދުލުވެރި ނިންމުމެއް.
ރައީސޫ
31 July 2019
ބޭނުމަކީ ތި ބަންދު ކުރާ 8މަސްތެރޭ އެތާ އުފެދުނު ޒުވާން ވިޔަފާރިތަށް އިނދަ ޖައްސާ ބަނގުރޫޓު ވުމުން އެތަންތަން މަހުޖަނުންނަގާފަ ބޮޑެތި ހޮޓާތަކާ ބީޗް ކެފޭތަކަށް އެތަންތަން އަލުން ދިނުން.
ލުކާ
31 July 2019
ގޮތެއް ނެތި ހިންގާ ވޯޓަރ ސްޕޯރޓްސް ތަންތަން ވެސް ނަގާ. އެހެން ނޫނިއްޔާ ދެން ފެންނާނީ ލޯންޗް ފަހަރު އެހިލާ ވޯޓަރ ސްޕޯރޓްއޭ ކިޔާ ޖެޓް ސްކީތަކާއި ބަނާނާ ބޯޓުތައް ހިތު ހުރިގޮތަކަށް ބަހައްޓާ ތަން،
ބޭރު
31 July 2019
ބީޗް ސަރަހައްދު ބަންދު ކުރީ މޫދަށް އެރެވޭގޮތަށްތޯއެވެ؟ ނުވަތަ މޫދަށް އެރިލާ ހަދާ މީހުންނަށް ބީޗް ބޭނުން ކުރެވޭ ގޮތަށް ތޯއެވެ.؟
ރަދީފް
31 July 2019
ނޫން .މިއަދުން ފަށައިގެން އެއީ ކޮންސްޓްރަކްޝަން ސައިޓެއް. އޯކޭ ދޯ.
ކޮރަލް
31 July 2019
އެޗްޑީސީ އިން އެ ސަރަހައްދު ޖީއެސްޓީ ނުދައްކާ ވިޔަފާރި ކުރަން ދޫކުރި މައްސަލަ ބަލަން ޖެހެއެވެ. އެތައް މިލިއަން ގެއްލުން ވެއްޖެއެވެ.
ބޮޑުމީހާ
31 July 2019
ދެން ތި ތަންތަންދޭންވާނީ އުސޫލެއްގެ ތެރެއިން. ގެސްޓް ހައުސް ވިޔަފާރިކުރާމީހުންނަށް ކޮންމެހެން ތި ތަނުން ބިން ދޭކަށް ނުޖެހޭ
އަލީ1
31 July 2019
އަހަރުގެ އެންމެ އުފާވެރި ހަބަރު. ދެން ހަމަ ޖެހިގެން ބީޗަށް ގޮސްލެވޭނެ. ކުރިއަށް އޮތްތާވެސް ޑޯމް ފަދައިން ދެތިން ކެފޭ އަށް ވަކި ތަންތަނެއްގައި ނޫނީ ފުރުސަތު ނުދޭން އެެދެން. އަދި ކުލި ދައްކައިގެން ހުޅުމާލޭގައި ކެފޭ ހިންގާ ފަރާތްތަކަށްވެސް މިފަދަ ގަވާއިދާއި ހިލާފު ތަންތަނުން މިންޖުވެ ހަމަހަމަކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބުނީތީ މިއީ ކުދި ވިޔަފާރިތަކަށް ސަރުކާރުން ކޮށްދިން ބޮޑު ކަމެއް.