ބޭރަށް ދާ މީހުން ވެސް ސަރުކާރަކަށް ނުބެލުނު، ރަނގަޅު ވާނީ އިސްތިއުފާ ދިނުން: ޔާމީން

ގައުމުން ބޭރަށް ދާ މީހުން ނުބެލުނު ސަރުކާރަކަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އިސްތިއުފާ ދިނުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ އިން ބޭރަށް ފިލައިގެން ދަތުރު ކުރަނިކޮށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ ހިފަހައްޓައިފަ އެވެ. އޭނާ ރާއްޖެ އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ގައުމަށް ވަންނަ ފައިސާގެ އިތުރުން ދިވެހިން ގައުމުން ބޭރަށް ދާ އަދި ރާއްޖެ އެތެރެވާ މީހުން ވެސް ބެލޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އާއިލީ ބޭފުޅުން އިސް މަގާމުތައް އައްޔަން ކޮށްގެން ވެސް އެކަން ސަރުކާރަށް ނުވި ކަމަށާއި އެހެންވެ، އެންމެ ރަނގަޅަކީ ސަރުކާރު އިސްތިއުފާ ދިނުން ކަމަސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުޅި ދޮރާށި މި އޮތީ ކަނޑުއޮޅިތަކެއްގެ މައްޗަށް ބިނާވެފައި. އެކަމަކު މާލެއިން ފުރައިގެން ނުކުންނަ ބަޔަކު ނުކުންނަ ގޮތް ބަލާ ނުލެވެންޏާ ދެން އަހަންނަކަށް މިކަން ނުވިއޭ ކިޔާފައި ބޮލާލައި ޖަހާފައި ދުރަށް ދާންވެއްޖެ އެއްނު،" ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ކޮޅަކާ އެކު ކާނިވާ ސަރަހައްދުގައި ބޭއްވި ރެލީގައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ނަމުގައި އައި ސަރުކާރުން ވަނީ ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާއެއް ވެސް ސިޔާސީ ކޮށްފަ އެވެ. އެހެންވެ، އިންސާފު ލިބޭނެ ކަމާ މެދު ރައްޔިތުން މިހާރު ސުވާލު އުފައްދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެން މުގައްދަސް ތަންތަން ސިޔާސީވެ ނިމުނީ. މިއަދު މީހުންނެއް ގަބޫލެއް ނުކުރޭ. ސިޔާސީ ނުފޫޒުން ބޭރުން އަދުލު އިންސާފު މީހަކަށް ލިބިދާނެ ކަމާ ދޭތެރޭ މީހުން ސުވާލު އުފައްދާ. މިއީތޯ ޑިމޮކްރަސީގެ ރީތި އުސޫލަކީ؟"

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރީ ރައްޔިތުންގެ ޖީބުތައް ތަނަވަސްކޮށް، މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށާއި އޭގެ ހެކި ފެންނަން ހުންނާނެ ކަމަށެވެ. ބޮޑު އުއްމީދުތަކާ އެކު ރައްޔިތުން މި ސަރުކާރު ގެނައި ކުރެވުނު އެއްވެސް މަޝްރޫއު ނުހިންގޭއިރު ރައްޔިތުންގެ ޖީބުތައް ހުސްވަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ކޮންމެ ކަމެއްގައި ސަރުކާރުން މަސައްކަތް ކުރަނީ އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން މީހުން ކޮށްފައިވާ ކަންތައް ނަން ބޯޑު ފިލުވާލާފައި ސަލްޓަންޕާކް ޖަހާފައި ދެން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާންވީ ތިމަންނަމެން ސަރުކާރުގައި ހެދި ޕާކެކޭ. އެއޮތީ ޕާކެއް ހެދިފައި. އެހެންވީމަ ދެން ދިވެހި ރައްޔިތުން ނޫންތޯ ޅޮސް އުނދޯޔަށް މި ލެވުނީ. އެހެންވީމަ ޖަޒީރާވަންތަ ސިފަތައް މި އަންނައިރު މަކަރާއި ހީލަތާއި ދޮގާއި އޮޅުވާލުމާއި މިކަހަލަ ކަންކަން ނޫން ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ދަށްވަމުންދާ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 700 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި މި ސަރުކާރު އައިފަހުން އެ ރިޒާވުން އެތައް މިލިއަން ޑޮލަރެއް ބޭނުން ކޮށްފައިވާ ކަމަށެވެ. މަޝްރޫއުތައް ކުރިއަށް ނުދާތީ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާއިރު މުވައްޒަފުންގެ މުސާރަ ދިނުމަށް ވެސް ސަރުކާރު އޮތީ ނުކުޅެދިފައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ސަރުކާރުގައި އުޅޭ މީހުންނަށް މުސާރަ ދެވޭނެ ގޮތެއް ވެސް ނެތް. އެކަމަކު ވެސް އެބަ ވިދާޅުވޭ މިއަންނަ މަސް މިއީ ސިވިލް ސާވިސް މީހުންގެ މުސާރަ އިތުރުކުރާ މަހޭ. މި އުޅެނީ މި މަހުގެ މުސާރަ ނުދެވިގެން. ދެން ކޮން ގޮތަކަށްތޯ ސިވިލް ސާވިސްގައި އުޅޭ މީހުންގެ މުސާރަ އިތުރު ކުރާނީ؟" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ގައުމަށް ބޭރުގެ އެކި އެހީތަކާއި ދައުލަތުގެ ބޮޑު ބަޖެޓެއް ލިބުމުން ވެސް މި ސަރުކާރަށް ގައުމު ހިންގަން ނޭނގުނު ކަމަށާއި ގައުމަށް ވަންނަ ފައިސާ އަށް ވާ ގޮތެއް ވެސް ސަރުކާރަށް ނޭނގޭ ކަމަށެވެ. މި ސަރުކާރަކީ ހިސާބު ޖަހަން ނޭނގުނު ސަރުކާރެއް ކަމަށް ވިދާޅުވެ، އެކަމަށް ޔާމީން ފާޑު ވިދާޅުވި އެވެ.