އަދީބު ޓަގް ބޯޓުގައި: އޭނާ ވަނީ އިންޑިއާގެ ހިމާޔަތަށް އެދިފައި
01 އޯގަސްޓް 2019 - 23:44
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާގެ ހިމާޔަތަށް އެދިފައިވާ ކަމަށް އޭނާގެ ބައިނަލްއަގްވާމީ ވަކީލުން މިރޭ ބުނެފި އެވެ.
އަދީބު ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށް ދަތުރު ކުރަނިކޮށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ އޭނާ ހިފަހައްޓައިފަ އެވެ. އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ހިމާޔަތަށް އަދީބު އެދުނީ ސިޔާސީ ބޭނުމެއްގައި ދައުވާ އުފުލުމުގެ ބިރު އޮތުމާއި، ދޮގު ބަޔާންތައް ދިނުމަށް ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އޭނާއަށް މަޖުބޫރު ކުރަމުންދާތީ ކަމަށެވެ. އެގޮތުން އަދީބު ނުކުރާ ކުށްތަކަށް އެއްބަސްވުމަށް އަންގައި، ބަޔާންތަކުގައި ސޮއި ކުރަން ކަމާބެހޭ ފަރާތްތަކުން މަޖުބޫރު ކުރަމުންދާ ކަމަށާއި އެއީ އޭގެ ސަބަބުން އަދީބާއި އޭނާގެ އާއިލާ އަށް ވެސް ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް ކަމަށެވެ. އެކަންކަމުން ރައްކާތެރިކަން ހޯދުމަށްޓަކައި އިންޑިއާގެ ހިމާޔަތަށް އޭނާ އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ސިޔާސީ ނުފޫޒު ވަދެފައިވާ ޝަރުއީ ނިޒާމެއްގެ ޝިކާރައަކަށް އަދީބު ވެދާނެކަމުގެ ނުރައްކާ އެބައޮތް،" އެ ބަޔާނުގައިވެ އެވެ.
ހިމާޔަތަށް އެދުމުގެ އިތުރުން، އެކަމުގައި ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށް އިންޑިއާ އަށް ވެސް އަމަލު ނުކުރެވޭނެ ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ނެތުމުން އަދީބު ރާއްޖެއާ ހަވާލު ނުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަކީލުން ބުނެފައިވެ އެވެ. އެހެންވެ، ހިމާޔަތަށް އެދިފައިވާ އެދުމާ މެދު އިންޑިއާ ސަރުކާރުން ރަނގަޅަށް އަމަލު ކުރުމަށް ވެސް އެ ބަޔާނުގައި ވަކީލުން ގޮވާލާފައިވެ އެވެ.
ޓަގު ބޯޓެއްގައި އަދީބު ބޭރަށް ދަތުރު ކުރަމުން ދަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހިފެހެއްޓީ އެ ބޯޓުގެ ފަޅުވެރިއަކު އެކަން ރިޕޯޓް ކުރުމުން ކަމަށް އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އޭނާ ދަތުރު ކުރަމުން ދިޔައީ ކޮން ތަނަކަށްތޯ އާއި އެކަމުގެ ތަހުގީގުތައް ކުރަމުންދާ ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 August 2019
ހެހެހެހެހެހެ.ބަންދަކުން ސަލާމަތްވާން ފިލަން ވެއްޖެނަމަ އިންސާނަކު ކޮންމެފަދަ ތަަނަކަށް ވަންނަން / ވެސް / އެއްޗަކަށް އަރަން ވެސް / އަދި ސިފަ ބަދަލުކުރަންވެސް ފަސްނުޖެހޭނެކަން ދުނިޔޭގެ ތާރީހްގެ ސަފްހާތައް ހެކިދޭ. މިސާލު: ސައްދާމް ހުސައިން (އިރާގް) ހޮހޮޅައެއްގަ ދޯ އޮތީ ، ރަޑްވާން ކަރަޒިޗް (ބޮސްނިއާ / ސިރްޕްސްކާ) ، އަބްދުއްﷲ ލުތުފީ (ޒާން) ، ވީރައްޕަން (އިންޑިޔާ) ، އަދީބް (ޓަގެއްގަ ފިލުން) . ވ.ވެދުން
ޢަބްދުﷲނާފިޒް
03 August 2019
ޝަރީޢަތަށް ސިޔާސީ ނުފޫޒުވަދެގެން 30 އަހަރަށްވުރެ ގިނަދުވަހުގެ ޖަލުހުކުމުން، ދެއަހަރެއްހާ ދުވަސް ތެރޭ ސަލާމަތްވެ މިނިވަންވީ ވާހަކަވެސް ބުނިނަމަ ވަރަށް ރީތިވީސް، އެވާހަކަ ދައްކަން ނުކެރުނީބާ، ކޮންމެވެސް ބަޔަކު އެވާހަކަވެސް ދައްކާނެ ކަމަށް އުއްމީދުކުރަން،
ރަނދަ
03 August 2019
ޓިމަންނަ ތާއީދުކުތާމީހަކު ކޮންމެ ފަދަ ކަމެއް ކުރިުަސް ކަމަކަށް ނުވޭ. ޟުލިއާގޭ ތެރެއިން ރާ ކޭސް ކޭސް ނެރުނުއިރު އެއީ ސިފައިން ވެއްދި އެއްޗެތި. ޔާމީނު އެކައުންޓަށް އެންމިލިއަން ޑޮލަރު ޖަމަކުރީމަ އެއީ ރައީސް ޔާމީން އަމިއްލަފުޅަށް ކުތިކަމެއް. މީ ހަމަ ހުރި ކަރަކީ.
ޙަގުޑި
02 August 2019
އިންޑިޔާއިން ހިމާޔަތްވެސް ދޭނެ! އިންޓެލް ޔަގީން!
ވޯލް
02 August 2019
އެހެންވެގެންތޯ ވަގަށް ޓަގު ބޯޓަކަށް އަރާގެން ފިލަނީ، މުޅި ދުނިޔެއަށް އިނގޭ އަދީބަކީ ޔާމީނުއާ އެކު ދައުލަތް ދަވާލި ވަގެއްކަން.
ޙަސަން އަޙްމަދު
02 August 2019
މީނައަކީ ކިހާ ބޮޑު ވަގެއްކަން ދަލީލުކޮށްދޭ އެންމެ އަލިގަދަ ހެތްކަކީ މި ހުރިހާ ދުވަހު ޖަލުގައި އޮތް އިރުވެސް އިންޓަނޭޝަނަލް ވަކީލުން ކުއްޔަށް ހިފާ ވަރަށް ފައިސާ ހުރިކަން.
ޥާނުވާ
02 August 2019
ބޮޑު ޖޯކެއް އިންޑިއާގެ ރަށަކުން ފިލައިގެން ގޮސް މިދެވުނީ ހަމަ އިންޑިއާގެ ރަށަކަށް ދެން މިއެދެނީ ހިމާޔަތަށް ނައިބް ރައީސްކަން ކުރުމީހަކަށް ތިވަރު ނޭނގުނީމަދޯ
ސާމާނުބެ
02 August 2019
ޢަބްﷲ ގާޒީ ރަހީނުކުރިމީހާ ފިލައިގެން އުޅުނުމަތިން އެންމެން ހަނދާން ނެތިއްޖެ މިގައުމުގައި ކުށަކީ އެމީހަކު ތުހޭމީހަކު ކުރީމާ އެއްވެސް ކަމަކަށް ނުވާއެއްޗެއް އެއީ ބޮޑެތި ވައްކަން ކަމުގައިވިޔަސް މީހުން ވަގަން ނެގުންކަމުގައިވިޔަސް
ދޮން ބުޅާ
03 August 2019
އެމީހާ ފިލުވި މީހާ ކުއްވެރި އެއް ނުވޭތަ.
މިއަދު
02 August 2019
އިންޑިޔާއިން އަދީބަށް ހިމާޔަތެއްނުދެވޭނެ އެއީ އަދީބު އިންޑިޔާއަށް އެތެރެވީ އިންޑިޔާގެ ޤާނޫނުތަކާއި ޚިލާފަށް ރަސްމީ އެއްވެސް ލިއުމެއްނެތި
ވަޑްޔައްތޮކިނަބާ
02 August 2019
އަދީބު އިންޑިޔާއަށް އެތެރެވެފައިވާނަމަ، އޭނާގެ ނުރުހުމުގައި އަނބުރާ ނުގެނެވިދާނެ. އެކަމަކު އަދީބު ހިފެހެއްޓީ އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ޤަވާޢިދާއި ޚިލާފަށް އިންޑިއާއަށް ދިޔަ ޓަގްބޯޓަކަށް އަރާ އޭގެ ކްރޫއަކަށްވެގެން ހުއްޓައެވެ. އެހެންކަމުން އޭނާ އިންޑިއާ އަށް އެތެރެވިޔަނުދީ އަނބުރާ ޤައުމަށް ފޮނުވާލުމަކީ އިންޑިއާ ސަރުކާރަށް ކުރެވޭނެކަމެކެވެ.