އަދީބު ބޯޓަށް އެރި ގޮތެއް ނޭނގެ: އެޖެންޓް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިއްޔެ އިންޑިއާ އަށް ދިއުމަށް ޓަގު ބޯޓުގައި ފުރާވަޑައިގަތްކަން ކުރިން އެނގިފައިނުވާ ކަމަށް އެ ޓަގް ބޯޓް ރާއްޖެ ގެނައި އެޖެންޓް "ޓްރާންސް ލިންކް" އިން މިއަދު ބުނެފި އެވެ.


އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ޓަގު ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބޭރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ވަނީ ހިފަހައްޓައިފަ އެވެ. އަދީބު ހިފެހެއްޓީ ސިންގަޕޫރުގެ "ވާގޯ 9" ޓަގް ބޯޓްގެ ފަޅުވެރިއަކަށް ވެގެން ފިއްލަވަން އުޅުއްވަނިކޮށެވެ.

އެ ޓަގް ބޯޓު ރާއްޖޭގެ އެޖެންޓް ޓްރާންސް ލިންކްގެ ޑިރެކްޓާ މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވިގޮތުގައި އެ ބޯޓަށް އަދީބު އަރާވަޑައިގަތް ކަމުގެ މައުލޫމާތު އިއްޔެއާ ހަމައަށް އެ ކުންފުންޏަށް ވެސް ލިބިފައެއް ނުވެ އެވެ.

"އަޅުގަނޑުމެނަށް ހަމަ ސަޕްރައިޒެއް. ނޫހުގައި އޮތް ވަރަށް އަޅުގަނޑުމެންނަށް ވެސް އެކަން އެނގެނީ،" ވަހީދު ވިދާޅުވި އެވެ.

"މިކޮޅުން ފުރުމަށް ފަހު ދެން ބޯޓަށް ވާގޮތެއް އަޅުގަނޑުމެން ނުބަލަން. އަލުން ރާއްޖެ އައީމަ އަޅުގަނޑުމެން އަނެއްކާ ވެސް ހަވާލުވަނީ."

ވަހީދު ވިދާޅުވިގޮތުގައި އެ ޓަގް ބޯޓަކީ އިންޑިއާއިން ބޮޑު ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ބޯޓެކެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ބޯޓް މާލޭން ފުރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަވިލިގިއްޔަށް ހިލަ ހުސްކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު އައިސް ތިން، ހަތަރު ދުވަހެއްވީ. އެއީ އާންމުކޮށް ރާއްޖެ އަންނަ ބޯޓެއް،" ވަހީދު ވިދާޅުވި އެވެ.

އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާގެ ފަޅުވެރިޔާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ ފިލަން އެހީތެރިވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

އަދީބު ދާދިފަހުން ސަރުކާރުގެ ހުއްދައާ އެކު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތެވެ.

އަދީބުގެ މައްޗަށް ކުރިން އިއްވި ހުކުމްތައް ބާތިލް ކޮށްފައި ވިިޔަސް، އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.