ފްރޭމްކޮށް، ހައްޔަރު ކުރާނެ ކަމަށް އިމްރާން އިންޒާރު ދިން: ލުތުފީ

ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން މަޖުބޫރުވީ ތަފާތު އެކި ގޮތްގޮތުން ކުރިމަތިވި ބިރުދެއްކުންތަކާ ހެދި ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ބޮޑެތި ތުހުމަތުތަކެއް ރޭ ކުރައްވައިފި އެވެ.


ލުތުފީ ބޮޑެތި ތުހުމަތުތަކެއް އިމްރާނަށް ކުރެއްވި އިރު، އިމްރާން މި ވަގުތު ހުންނެވީ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި ސައުދީ އަރަބިއްޔާގަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ލުތުފީ ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިގެންފައި ނުވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާ ޗުއްޓީ ނެންގެވިޔަސް، ބަރާބަރަށް މުސާރަ ނަންގަވަމުން ދިޔަ ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ލުތުފީ ޗުއްޓީ ނެންގެވި ގޮތަށް ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކުގައި މެލޭޝިއާގަ އެވެ.

ސަންގު ޓީވީ އަށް ރޭ ދެއްވި އިންޓަވިއުގައި ލުތުފީ ވިދާޅުވީ ފްރޭމްކޮށް، ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދެއްވީ އިމްރާން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށް ވެސް އިންޒާރު ދެއްވި ކަމަށް ލުތުފީ ވިދާޅުވި އެވެ.

"އޭގެ ހަފްތާއެއް ފަހުން އަޅުގަނޑު އަނެއްކާ އޮފީހަށް ނުކުންނަން ފެއްޓީމަ، އާ ރަށުގައި ހުރެފައި (އިމްރާން) އަޅުގަނޑަށް ގުޅާފައި ބުނީ އޮފީހަށް ނުކުންނަނީ ނޫންހޭ؟ އެގޮތަށް ވެސް އިންޒާރު ދިން. އޭގެ ފަހުން ވެސް ގޮތް ނޭނގޭ މީހުން އަޅުގަނޑާ (ގުޅި). އެކަމަކު ނޭނގޭ ކާކު ކަމެއް ކުރުވީ،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ "ގެއްލިފައި" ވަނިކޮށް ސޯޝަލް މީޑިއާގައި މިހާރު ލީކުވެގެން އުޅޭ އޯޑިއޯގައި އޭނާގެ ރައްޓެއްސަކާ ފޯނުން ދެކެވުނު ވާހަކަތަކެއްގައި ލުތުފީ ވަނީ އޭނާ އަށް އެކި ގޮތް ގޮތުން އިންޒާރު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ ތަފްސީލަށް އޭނާ ވަޑައިގަތީ ސަރުކާރާ ގުޅިގެން މޮޅު ޑީލެއް ހަދައިގެން ގައުމުން ބޭރުގައި، "އަރާމުގައި" ލުތުފީ އުޅުއްވާ ކަމަށް އޭނާއާ ފޯނުން ވާހަކަ ދެއްކި މީހާ ބުނުމުންނެވެ.

އެކަމާ ހިތްހަމަޖެހިވަޑައިނުގެން ހުންނަވައި "ތި ގޮތަށް ވާހަކަ ދައްކަވަނީ ކީއްވެތޯ" ލުތުފީ އައްސަވަ އެވެ. އޭގެ ފަހުން، އޭނާ އަށް ދިމާވީ ބައެއް ކަންކަމުގެ ވާހަކަ ހިއްސާ ކުރެއްވި އެވެ. އޯޑިއޯ ލީކްވުމާ ގުޅިގެން ލުތުފީ ރޭ ވަނީ ސަންގު ޓީވީގައި އެއީ ސައްހަ އޯޑިއޯއެއް ކަމަށް ވިދާޅުވެފަ އެވެ.

އޯޑިއޯގައި ލުތުފީ ވިދާޅުވީ ބަޔަކު މީހުން އޭސީސީގެ އޮފީސް ތެރެއަށް ވަދެ، އޭނާ ހައްޔަރުކޮށް ފްރޭމް ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އޭގެ ފަހުން، އެކި މީހުން ލައްވައި ފޯނު ކުރުވާ ވަރުން "ރޭގަނޑު ނިދުނީކީ" ނޫން ކަމަށާއި މަގުމަތިން ވެސް ބިރު ދައްކައި ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދަރަޖަ އަށް ކަންތައްތައް ދިޔަ. އަހަރެންގެ ފުރާނަ ސަލާމަތް ނުކުރެވިގެން ރާއްޖެ ދޫކޮށްފައި އައީ. އެ ހިސާބަށް ކަންތައްތައް ދިޔަ. ބިރު ދައްކާ ފާޑު ފާޑުގެ ބަޔާންތައް ނަގާ،" ލުތުފީ ވިދާޅުވި އެވެ.

އެ ވާހަކަތައް ބައެއް ކައިރީގައި ނުދެއްކެވީ ކީއްވެތޯ އެހުމުން ލުތުފީ ވިދާޅުވީ އޭނާ އަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ވާހަކަ ބައެއް ކައިރީގައި ދައްކައިގެން ވާނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި "އެކަކު ކައިރީގައި އެއްވެސް ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް" ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އޯޑިއޯ.

"ކޮންމެ މީހަކު ބުނާނީ އެހެން، ޑީލް ހަދައިގެންނޭ. ކޮން ޑީލެއް ހަދައިގެން؟ އެއް ޑީލެއް ވެސް ހަދައިގެން ނޫން މި ތަނަށް އައިސް މި ހުރީ. އަހަރެން ހުންނާނީ ފޮޓޯތަކާ އެއްޗެހި ނަގާފައި. މަގުމަތިން ހަމަލާދީ ކަރުގައި ހިފާ މި ދަރަޖަ އަށް ކަންތައްތައް ދިޔަ،" ލުތުފީ ވިދާޅުވި އެވެ.

އިންޒާރުތައް ލިބެމުން ދިޔަ ނަމަވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލުތުފީ އޯޑިއޯގައި ވިދާޅުވި އެވެ. އެކަމަކު، ރާއްޖެ ވަޑައިގަންނަވާނެ ވަކި އިރެއް އޭނާ ވިދާޅެއް ނުވެ އެވެ.

ލުތުފީ ވިދާޅުވީ އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.