ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރި ގޮތާ މެދު ގިނަ ސުވާލުތަކެއް އެ ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދަށް ކްރިމިނަލް ކޯޓުގައި މިއަދު އަމާޒުވެއްޖެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އޭސީސީގެ ރައީސް މުއައްވިޒް ވިދާޅުވީ އެސްއޯއެފް އިން ޖަމާކުރި ފައިސާއާ ގުޅޭގޮތުން ޔާމީނާ ބައްދަލު ކުރެއްވުމުން، އެއީ ސިޔާސީ ކަންކަމަށް ހަރަދުކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ކުރިން ހަވާލު ކޮށްފައި ހުރި ފައިސާ ކަމަށް ޔާމީން ވިދާޅުވި ކަމަށާއި އެކަމަކު އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭތީ އެ ފައިސާ ދައުލަތާ ހަވާލުކުރަން އެ ކޮމިޝަނުން އެދުނު ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެސްކްރޯ އެކައުންޓެއް ޔާމީނާއި އޭސީސީއާ ދެމެދު ހަދަން ނިންމީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއައްވިޒް ވިދާޅުވި ގޮތުގައި، އެސްކްރޯ އެއްބަސްވުން ޑްރާފްޓްކުރީ ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ. އެކަމަކު އޭސީސީން އެ ޑްރާފްޓަށް ބަދަލުތައް ގެނެސްފައިވާނެ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އަދި އެއްބަސްވުން ހެދުމަށް ފަހު އެސްކްރޯ އެކައުންޓް ހުޅުވުމުން އެއް މިލިއަން ޑޮލަރު އެ އެކައުންޓަށް ޖަމާކުރި ކަން ޔާމީންގެ ފަރާތްޕުޅުން ސިޓީއަކުން އޭސީސީ އަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުވައްވިޒް ވިދާޅުވި ގޮތުގައި އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު ނޫން ކަން އެ ކޮމިޝަނަށް އެނގުނީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެކަމުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންގުމުން އެ ކޮމިޝަނުން އިތުރަށް ބެލި ބެލުމުންނެވެ.
ފަހުން ބެލިއިރު، އެސްކްރޯ އެކައުންޓަށް ޖަމާ ކޮށްފައި ހުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެކައުންޓަކުން، ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އެކައުންޓަކަށް ފޮނުވި އެއް މިލިއަން ޑޮލަރެއް ކަން އެނގުނު ކަމަށް ވެސް މުވައްވިޒް ވިދާޅުވި އެވެ. އެކަން ފުލުހުންނަށް އެންގީ އެ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ބާރު ބޭނުން ކުރި ގޮތާ މެދު ގިނަ ސުވާލުތަކެއް
އެސްކްރޯ އެއްބަސްވުން ހަދަނީ ކޮން އުސޫލަކުންތޯ އާއި އެކަމަށް އޭސީސީ އަށް ގާނޫނީ ގޮތުން ބާރެއް ލިބިފައި އެބައޮތްތޯ ދިފާއީ ވަކީލުން ސުވާލު ކުރެއްވި އެވެ. މުއައްވިޒްގެ ޖަވާބަކަށް ވީ އެފަދަ އެއްބަސްވުމެއް ހެދުން ގާނޫނު މަނާ ނުކުރާ ކަމަށެވެ. އެކަމަކު އެފަދަ ކަމެއްގައި ފިނޭންސް މިނިސްޓްރީގެ ހުއްދައެއް އޮތުން މުހިންމު ކަމަށް ދެކޭތީ އެސްކްރޯ އެކައުންޓް ހުޅުވުމުގެ ކުރިން އެ ހުއްދަ ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްކްރޯ އެކައުންޓެއް ހުޅުވުމަށް ގާނޫނީ ގޮތުން މަނާ ކުރެވިފައި އޮތް ހާލަތެއް ފެންނާކަށް ނެތް." އޭރު އޭސީސީގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުއައްވިޒް ވިދާޅުވި އެވެ.
އެގޮތަށް ވިދާޅުވުމުން ދިފާއީ ވަކީލުން ސުވާލު ކުރެއްވީ ގާނޫނީ ގޮތުން ކަމެއް ހުއްދަ ކޮށްފައި ނެތީސް، އެކަން ކުރަން ދައުލަތުގެ އިދާރާއަކަށް ހުއްދަ ދެވޭނެ ކަމަށް ގަބޫލުކުރަންތޯ ވިދާޅުވެ އެވެ.
އެ އަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މުއައްވިޒް ވިދާޅުވީ ކަން ހިނގި ގޮތަށް ބަލާއިރު، އޭސީސީން އަމަލުކުރީ އެންމެ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެސްކްރޯ އެކައުންޓް ހެދީ ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ވާތީ ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ދިފާއީ ވަކީލުން ދެން ސުވާލު ކުރެއްވީ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކޮމިޝަނުން ނިންމާފައިވޭތޯ އާއި އެ ފައިސާ ދައުލަތާ ހަވާލު ކުރަން އެދުނީ ކީއްވެގެންތޯ އާއި އެސްއޯއެފްގެ އެކައުންޓުގައި އެހެން ފައިސާތައް ހުރިތޯ ވިދާޅުވެ އެވެ.
ޖަވާބުގައި މުއައްވިޒް ވިދާޅުވި ގޮތުގައި، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ނިންމާފައި ނުވާނެ އެވެ. އެ ފައިސާ ހަވާލު ކުރަން އޭސީސީން އެދުނީ އެ މުއާމަލާތް ހިނގާފައި ހުރި ގޮތުން ކަމަށް ވިދާޅުވި އެވެ. އަދި އެސްއޯއެފްގެ އެކައުންޓުގައި އެހެން ފައިސާތައް ވެސް ހުރި ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން، އިސްގާޒީ އަހުމަދު ހައިލަމް ވެސް ސުވާލު ކުރެއްވި އެވެ. އިސް ގާޒީ ވަނީ ގާނޫނުގައި މަނާ ކޮށްފައި ނެތް ކޮންމެ ކަމެއް ދައުލަތުގެ އިދާރާތަކަށް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ވިދާޅުވެ އެވެ. އަދި ބަންޑާރަ ނައިބުގެ ލަފައެއް އެކަމުގައި ހޯދިންތޯ ވެސް އިސް ގާޒީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި މުވައްވިޒް ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް އަމަލު ކުރަންޖެހެނީ ގާނޫނާ އެއްގޮތަށް ކަމަށާއި އޭރު އެކަން ކުރެވެން އޮތް ގޮތަކަށް ބަލައި، ގާނޫނާ ޚިލާފް ނުވާ ގޮތަކަށް އެކަން ކުރަންވާނެ ކަމަށެވެ. އެސްކްރޯ އެއްބަސްވުން ހެދުމުގެ ކުރިން ބަންޑާރަ ނައިބުގެ ލަފައެއް ހޯދާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ހޯދުމުގެ ބާރު އޭސީސީ އަށް އޮންނައިރު އެ މައްސަލާގައި އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް އޭރު އެ ކޮމިޝަނުން ނުހޯދީ ކީއްވެގެންތޯ ވަކީލުން ސުވާލު ކުރެއްވުމުން މުއައްވިޒް ވިދާޅުވީ އެފަދަ އަމުރަކަށް އެދުމާ ބެހޭގޮތުން ކޮމިޝަންގައި މަޝްވަރާކުރި ކަމަށެވެ. އެކަމަކު އޭރު ފުލުހުން އެފަދަ އަމުރަކަށް އެދުމުން ވެސް، ކޯޓު އަމުރު ނުލިބުނު ކަމަށް ފުލުހުން ބުނެފައިވާތީ އާއި ދިމާވި ދަތިތަކެއް ހުރުމުން އެފަދަ އަމުރަކަށް ނޭދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު ދިމާވި ޗެލެޖެންސްތަކާ އެކީ ގައި، ކޯޓު އަމުރަކަށް ދާން ކޮމިޝަނުން ނިންމާފައި ނެތީ،" މުވައްވިޒް ވިދާޅުވި އެވެ.
އެގޮތަށް އޭނާ ވިދާޅުވުމުން، އިސް ގާޒީ ހައިލަމް ވަނީ ކޯޓުން އަމުރު ނުދޭނެ ކަމަށް ގަބޫލު ކުރައްވަނީތޯ ވިދާޅުވެ ސުވާލު އަމާޒު ކުރައްވައިފަ އެވެ. އަދި ގާނޫނީ ޒިންމާ އޭރު އަދާ ނުކުރީ ކީއްވެގެންތޯ ވެސް އިސް ގާޒީ ސުވާލު ކުރެއްވި އެވެ.
މުއައްވިޒް ވިދާޅުވީ ކޯޓު އަމުރު ނުދޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަނީ ނޫން ކަމަށާއި އެކަމަކު ކޯޓު އަމުރު ހޯދުމުގެ ނިންމުމެއް ކޮމިޝަނުން ނުނިންމައި އޮތީ ކަމަށެވެ.
"ކޮމިޝަންގެ ނިންމުމެއް ނެތި، އެގޮތަށް ކޯޓު އަމުރު ހޯދާކަށް ނުދެވޭނެ. ކޮމިޝަނުން އެގޮތަށް ނިންމާފައި ނުވާތީ އޭރު،" މުއައްވިޒް ވިދާޅުވި އެވެ.
ޔާމީނާ ސުވާލުކުރި ކަމަށް ބުނާތީ، އެކަމުގައި އޭސީސީން އަމަލުކުރި އުސޫލުތަކާ ބެހޭގޮތުން ވެސް ދިފާއީ ވަކީލުން ސުވާލު އަމާޒު ކުރެއްވި އެވެ. އެގޮތުން ޔާމީނާ ސުވާލު ކުރިއިރު ރެކޯޑް ކުރިިތޯ އާއި އޭސީސީއަށް ހާޒިރުވާން ނޭންގެވީ ކީއްވެގެންތޯ ވެސް ވަކީލުން ސުވާލު ކުރެއްވި އެވެ.
މުވައްވިޒް ވިދާޅުވީ ޔާމީނާ ސުވާލުކުރީ ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ނޫން ކަމަށް ވާތީ ހާޒިރުވާން ނާންގާ ކަމަށެވެ. އަދި ދައުލަތުގެ އިސް ބޭފުޅުންނާ ސުވާލު ކުރަން ކޮމިޝަނަށް ހާޒިރު ކުރުމުގެ ބަދަލުގައި އެ ބޭފުޅަކު މަސައްކަތް ކުރައްވާ އޮފީހަކަށް އޭސީސީން ދިއުމަކީ އަމަލުކުރާ އުސޫލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ރެކޯޑް ނުކުރެވުނީ ރެކޯޑް ކުރެވޭ އެއްވެސް ވަސީލަތެއް އެތަނަށް ވެއްދުން ރައީސް އޮފީހުން މަނާ ކޮށްފައި އޮތުމުންނެވެ.
އޭސީސީ އަށް ޔާމީން ދެއްވި ބަޔާނުގެ ޑްރާފްޓް ތައްޔާރު ކުރީ ރައީސް އޮފީހުން ކަމަށް މުއައްވިޒް ވިދާޅުވުމުން، މައްސަލަ ބައްލަވާ އިސް ގާޒީ ހައިލަމް ވަނީ އެކަމާ ބެހޭގޮތުން ސުވާލު ކުރައްވައިފަ އެވެ. ސުވާލު ކުރެވުނު ފަރާތެއްގެ ހައިސިއްޔަތުން ބަޔާނުގެ ޑްރާފްޓެއް ތައްޔާރު ކުރަން ޔާމީނަށް ފުރުސަތު ދެއްވީ ކީއްވެގެންތޯ އިސްގާޒީ ސުވާލު ކުރެއްވި އެވެ.
މުއައްވިޒް ވިދާޅުވީ އެގޮތަށް އަމަލުކުރީ ޔާމީންގެ ފަރާތްޕުޅުން ބަޔާނުގެ ޑްރާފްޓް ތައްޔާރު ކުރަން ބޭނުންފުޅުވުމުން ކަމަށެވެ. އެކަމަކު ބަޔާނުގެ ޑްރާފްޓް ފައިނަލްކުރީ އޭސީސީން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ސުވާލުތަކެއް މުއައްވިޒަށް
މިއަދުގެ އަޑުއެހުމުގައި ޔާމީން އަމިއްލަފުޅަށް ވެސް ބައެއް ސުވާލުތައް މުއައްވިޒާ އަމާޒު ކުރައްވައިފަ އެވެ. އެގޮތުން އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯ އެއް އަހަރު ތެރޭގައި އޭސީސީން ކަނޑައަޅަން ޖެހޭނެ ކަމަށް އެސްކްރޯ އެއްބަސްވުމުގައި އޮތްއިރު، އެކަމަށް އެ ކޮމިޝަނުން އަދިވެސް ގޮތެއް ނުނިންމަނީ ކީއްވެގެންތޯ ވިދާޅުވެ ސުވާލު އަމާޒު ކުރެއްވި އެވެ.
ޖަވާބުގައި މުއައްވިޒް ވިދާޅުވީ، އޭސީސީއަށް އެކަމުގައި ގޮތެއް ނުނިންމުނީ އެސްކްރޯ އެއްބަސްވުމުގައި ބުނާ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާ ކޮށްފައި ނުވާތީ ކަމަށެވެ. އަދި އެކަން ޔާމީނަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްކްރޯ އެކައުންޓަށް ވަކި އެއް މިލިއަން ޑޮލަރެއް ޖަމާވެފައި އޮތުމަކީ، އެ ފައިސާ އެއީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި މުހިންމު ކަމެއްތޯ ވިދާޅުވެ ޔާމީންގެ ސުވާލު އަނެއްކާވެސް މުއައްވިޒާ ސުވާލު ކުރެއްވި އެވެ.
އެކަމަކު މުއައްވިޒް ދެއްވީ ކުރިން ވެސް ދެއްވި ޖަވާބެވެ. އޭނާ ވިދާޅުވީ އެސްކްރޯ އެކައުންޓަށް ޖަމާވާން ޖެހެނީ ކޮން ފައިސާއެއް ކަން އެއްބަސްވުމުގައި އެބައޮތް ކަމަށެވެ.
އެސްއޯއެފްގެ އެކައުންޓްތަކުގައި ހުރީ ކިހާ ފައިސާއެއްތޯ ނުބަލަނީސް، އެސްއޯއެފްގެ ވަކި ފައިސާއެއް ޔާމީންގެ އެކައުންޓަށް ދިއުމުން އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަަމަށް އޭސީސީން ތުހުމަތު ކުރީ ކީއްވެގެންތޯ ޔާމީން ސުވާލު ކުރެއްވުމުން މުވައްވިޒް ވިދާޅުވީ އެގޮތަށް ނިންމީ ފައިސާ ދައުރުވެފައި ހުރި ގޮތަށް ބެލުމުން ކަމަށެވެ.
ދިފާއީ ހެއްކަކަށް އަޒީމާ
ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅުއްވީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. ކިތާބީ ހެކިތަކުގެ ގޮތުގައި ހުށަހެޅުއްވީ އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރެޑައިސް" ރިޕޯޓުގައި ހުރި ކަންކަން ދޮގުކޮށް، މަނީ ލޯންޑްރިންގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ އެމްއެމްއޭ އިން އޭރު ނެރުނު ނޫސް ބަޔާނާއި އެމްއެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ހިނގި މަދަނީ މުއާމަލާތުތަކާ ގުޅިގެން ފައިސާތަކެއް ދައްކަން އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ހުކުމެކެވެ.
ޔާމީންގެ ވަކީލުން އިޖްރާއީ ގޮތުން ހުރި ބައެއް ދިފާއުތައް ހުށަހެޅިއިރު، މައުޟޫއާ ގުޅޭގޮތުން ވެސް ބައެއް ސުވާލުތައް ދައުލަތަށް އަމާޒުކުރި އެވެ. އިޖްރާއީ ކަންކަމުގެ ގޮތުގައި ދިފާއީ ވަކީލުން ނެންގެވީ ދައުލަތުގެ ދައުވާ ފޯމު އޮތީ ގާނޫނުގައި ބުނާ ގޮތަށް ނޫން ކަމަށް ބުނެ ފާހަގަކުރި ނުކުތާ އަކާއި ޝަރީއަތް ލައިވް ބްރޯޑްކާސްޓް ކުރުމުގެ އުސޫލެއް އާންމު ކުރުމެއް ނެތި، އެ ޝަރީއަތް ލައިވްކޮށް ދައްކާ މައްސަލައިގެ އިތުރުން އެންމެ ފަނޑިޔާރަކު އިންނަވައިގެން އެ މައްސަލަ ބެއްލެވުމާއި ތަހުގީގަށް ސިޔާސީ ނުފޫޒުތަކެއް ވަދެފައި އޮތް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.
ދިފާއީ ވަކީލުން ދައުލަތަށް ހަތަރު ސުވާލެއް އަމާޒުކުރި އެވެ.
އެއީ އެސްއޯއެފްއާ އެކު ހިންގާ މުއާމަލާތްތަކަކީ މަނީ ލޯންޑްރިންގެ މުއާމަލާތްތަކެއް ކަމަށް ބެލެވޭނެ ކަމަށް އެއްވެސް ކޯޓަކުން ނުވަތަ ތަހުގީގީ އިދާރާއަކުން ކަނޑައަޅާފައިވޭތޯ އާއި ޔާމީންގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރިއިރު، އެ ކުންފުނީގެ އެކައުންޓުގައި އިތުރު ފައިސާއެއް ހުރިތޯ އާއި ބޭންކްތައް މެދުވެރިކޮށް އެ މުއާމަލާތް ހިންގިއިރު، ބޭންކްތައް މެދުވެރިކޮށް މަނީ ލޯންޑްރިންގެ އަމަލެއް ހިންގާފައިވާ ކަމަށް އެމްއެމްއޭ އިން ނިންމާފައިވޭތޯގެ އިތުރުން އެސްއޯއެފާއި އެމްއެމްޕީއާރުސީއާ ދެމެދު ހިނގި މުއާމަލާތްތަކުގައި ނަގާފައިވާ ލޯނުތަކާ ގުޅިގެން އެއްވެސް މަދަނީ މައްސަލައެއް ކޯޓަކުން ނިމިފައިވޭތޯ ސާފުކުރަން އަމާޒުކުރި ސުވާލެވެ.