ޖާސޫސީ މައުލޫމާތު ހިއްސާކުރާ އެއްބަސްވުމަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ހިއުމަން ޓްރެފިކިން އާއި ޑްރަގް ޓްރެެފިކިން ފަދަ ކުށުގެ ވިއުގަތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް ރާއްޖެ، އިންޑިއާ، ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާ ބައިވެރިވާ ސެންޓަރެއް އުފެއްދުމުގެ އެއްބަސްވުމަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.


ހޯމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ އެއްބަސްވުމުގައި ރާއްޖެ ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމަށެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ "ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރު"ގެ ނަމުގައި ސެންޓަރެއް އުފައްދަނީ ޑްރަގާ ގުޅޭ ކުށްތައް ހުއްޓުވަން މަސައްކަތްކުރާ އދ.ގެ އެޖެންސީން އިސްނަގައިގެން ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފަދަ ސެންޓަރެއް ގާއިމް ކުރުމުގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ މެދުގައި ހިންގާ ކުށްތައް ހުއްޓުވުމުގެ މުއާހަދާތައް ތަންފީޒު ކުރުމުގައި ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ބުރޫ ނާރާނެ ގޮތަކަށް، ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެއްބަސްވުމުގެ ދަށުން އުފައްދާ ސެންޓަރު މެދުވެރިކޮށް ކޮންމެ ގައުމަކުން ވެސް މައުލޫމާތު ހިއްސާކުރާނީ އެ ގައުމުއްގެ ގާނޫނުގައިވާ އުސޫލާ އެއްގޮތަށް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.

"...ގައުމުތަކުގެ މެދުގައި މި ސެންޓަރު މެދުވެރިކޮށް މައުލޫމާތު ބަދަލުކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ، މައުލޫމާތު ހިއްސާކުރާ ގައުމުތަކުގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި މައުލޫމާތު ބަދަލުކުރުމާއި އެއްބާރުލުން ދިނުމުގެ ސެންޓަރު ގާއިމުކުރުމަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލް ކުރުމަށް ބާރަކަށް ވާނެ ކަމެކެވެ.