ތަހުގީގަށް ފޮރެންސިކް އެހީ ހޯދަން މަރު ކޮމިޝަން މެމްބަރުން އިންޑިއާގައި

ކުރީގެ ސަރުކާރުތަކުގައި ހިނގި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ފޮރެންސިކް އެހީ ހޯދަން އެ ކޮމިޝަންގެ މެމްބަރުން އިންޑިއާ އަށް ވަޑައިގެންފި އެވެ.


މި ވެރިކަން ފެށުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެ ކޮމިޝަނުން އަންނަނީ ކުރިން ހިނގާފައިވާ ގިނަ މަރުތަކަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަމުންނެވެ.

އޭގެ ތެރޭގައި ކުރީގެ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ހިމެނެ އެވެ. މި މައްސަލަތަކުގެ ތަހުގީގުގެ ބޮޑު ބައި ފުރިހަމަކޮށް، ބައެއް މައްސަލަތަކުގެ ތަފްސީލް ވަނީ ރައީސްއާ ވެސް ހިއްސާކޮށްފަ އެވެ.

ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައިވާ ރިޔާސީ ކޮމިޝަނުން އިންޑިއާ އަށް ކުރި ދަތުރާ ގުޅޭ ގޮތުން މެމްބަރުން ވާހަކައެއް ނުދެއްކެވި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ޓެކްނިކަލް އެހީ ހޯދަނީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ބޮޑެތި މައްސަލަތަކަކާ ގުޅޭ ގޮތުންނެވެ.

ރިޔާސީ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ތަހުގީގުގައި ފުލުހުން ގަސްތުގައި އިހުމާލުވެފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލަަތައް ހިމެނެ އެވެ. އެހެންވެ މި ކޮމިޝަން އުފެއްދީ ވެސް ދިވެހި ފުލުހުންގެ ބައިވެރިވުމާ ނުލައި އެފަދަ މައްސަލަތައް މިނިވަންކޮށް ތަހުގީގު ކުރާށެވެ.

އެ ކޮމިޝަނުން ބެލި މަރުގެ މައްސަލައެއްގެ ތަހުގީގު ނިންމައި ބައެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މިދިޔަ ހަފުތާގައި ފޮނުވާފައިވެ އެވެ.

ރިޔާސީ ކޮމިޝަނުން ވަނީ، ރިލްވާން ގެއްލުވާލުމާއި އަނިޔާވެރިކޮށް އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ހޯދައިފަ އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ ތަފްސީލުތައް ވެސް ކޮމިޝަނުން ވަނީ ހޯދައިފަ އެވެ.

މި ތަހުގީގުތަކުގެ ރިޕޯޓް އާއްމުކުރާނީ، މި މައްސަލަތަކުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ހޯދުމަށް ފަހު ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.