ކޮރަޕްޝަންގެ ތުހުމަތުކުރެވުނު މޭޖާ ނަވީންގެ ސަސްޕެންޝަން އުވާލައިފި

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި އެސްއޯފުން އެމްއެންޑީއެފްގެ މޭޖާ ނަވީން ޒުބައިރުގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލާގައި އޭނާ ސަސްޕެންޑް ކުރުމަށް ފަހު އަލުން ވަޒީފާ އަށް ނެރެން ފަށައިފި އެވެ.


މިދިޔަ މާޗް މަހު ނަވީން ސަސްޕެންޑް ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓުގައި އެސްއޯއެފުން އޭނާގެ އެކައުންޓަށް 100،000 ޑޮލަރު ޖަމާކުރިކަން ހާމަވުމުންނެވެ.

މިއަދު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ސުވާލުކުރުމުން ޗީފް ސްޕޯކްޕާސަން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ނަވީންގެ މައްސަލަ ބެލުމަށް ފަހު ހިޔާނާތުގެ ކަމެއް ފާހަގަކުރެވިފައިނުވާތީ އޭނާ ވަޒީފާ އަށް ނެރެން ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނަވީންގެ ސަސްޕެންޝަން އުވާލައި އަލުން ވަޒީފާ އަށް ނެރެން ފަށާފައި ވާއިރު އޭނާ އަށް ޕްރޮމޯޝަން ދޭން ނިންމާފައިވާ ކަމުގެ އަޑު ވެސް ވަނީ ފެތުރިފަ އެވެ، ނަމަވެސް އެކަކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޒަކަރިއްޔާ ޖަވާބެއް ނުދެއްވި އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑަރިން ހިންގި ގޮތާއި އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރު ވިއްކުމުގެ މުއާމަލާތް ހިންގި ގޮތާއި ފައިސާ ޖަމާކުރި 155 މީހުންގެ ތަފްސީލްތައް ހިމަނާފައިވެ އެވެ.