އެސްއޯއެފްގެ މައްސަލަ ހަތަރު ފަހަރު އަޒީމާ އަށް ހުށަހެޅިން: އާތިފް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބޭރުކުރަމުން ދިޔަ އިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާގެ ހައިސިއްޔަތުން އެ މައްސަލަ ފުލުހަށް ހުށަހަޅަން އެތައް ފަހަރަކު މަސައްކަތް ކުރެއްވި ކަމަށާއި އެކަމަށް ހުރަސް އެޅުއްވީ އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ކަން ދޭހަވާ މޭރުމަކުން އިބްރާހީމް އާތިފް ޝަކޫރު ވާހަކަ ދައްކަވައިފި އެވެ.


އަޒީމާ އެކަމަށް ހުރަސް އެޅުއްވި ކަމަށް ސީދާ ވިދާޅު ނުވިޔަސް އާތިފް ވިދާޅުވީ އެ މައްސަލަތައް ނުބެލި ދިޔައީ އަޒީމާ އަށް މަދުވެގެން ހަތަރު ފަހަރު ހުށަހަޅުއްވާފައި ވަނިކޮށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުންނަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ސާޅީހަކަށް މިލިޔަން ރުފިޔާގެ ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރަން ގެންދިޔަ މައްސަލައެއް ފުލުހަށް ހުށަހަޅުއްވަން އުޅުއްވުމުން، އެއީ ވެސް ސައްހަ މުއާމަލާތަކަށް ވެދާނެ ކަމަށް އަޒީމާ ވިދާޅުވި ކަމަށެވެ. އަޒީމާ އެހެން ވިދާޅުވުމުން ޓެކްސް އިދާރާ މީރާ އާއި އިކޮނޮމިކް މިނިސްޓްރީން އެސްއޯއެފާ ބެހޭ މައުލޫމާތު ސާފު ކުރެއްވި ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

"ދެން އެ މައުލޫމާތުތައް ގެނައިމަ މި އިނގެނީ މިއީ [އެސްއޯއެފްއަކީ] ވަރަށް ހަގު ކުންފުންޏެއް ކަމާ އެންމެ ފަހުގެ އަހަރު ހިސާބުތައް ފައިލް ކުރި އިރުގައި ވެސް މީރާ އަށް ފޮނުވި ފައިލްތަކުގައި ވެސް މިވަރު ބޮޑެތި ޓްރާންސެކްޝަންތަކެއް ހިންގޭވަރުގެ އިންސްޓްޓިއުޝަނެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ އެމްއެމްޕީއާރުސީ އާއި އެސްްއޯއެފާ ދެމެދު ހިނގަމުން ދިޔަ މުއާމަލާތްތައް އޭނާ ބައްލަވަމުން ގެންދެވި ކަމަށާއި އެއީ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ މުއާމަލާތްތަކެއް ކަން އޭރު އެނގިވަޑައިގެންނެވި ކަމަށެވެ.

އަދި އެ މުއާމަލާތްތަކަކީ ހަމަ އެކަނި ދައުލަތުގެ މުދަލެއް އެހެން ބައެއްގެ އަތްމައްޗަށް ދިޔަ ދިއުމެއް ނޫންކަން ވެސް އޭނާއަށް އެނގިވަޑައިގެންނެވި ކަމަށް އާތިފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރުގައި ރާއްޖޭގައި ހިނގައި ދިޔަ ސިޔާސީ ބޮޑެތި ކަންތައްތަކާ ގުޅިގެން އެސްއޯއެފާއި އެމްއެޕްޕީއާރުސީގެ މުއާމާލާތްތައް އިތުރުވެގެން ދިޔަ ކަން ފާހަގަ ކުރެއްވުނު ކަމަށެވެ.

"މިއީ ކާނަލް ނާޒިމް ހައްޔަރު ކުރެވިގެން ދިޔަ ދުވަސް، މިއީ މޭ އެއްވުމުގެ [މޭޑޭ މުޒާހަރާ]ގެ ކަންތައްތައް ހިނގަމުން ދިޔަ ދުވަސްވަރު، މިއީ މިއަދުގެ މަޖިލިސްގެ ރައީސް [މުހައްމަދު ނަޝީދު] ހައްޔަރުކުރެވި އަވަސްކޮށް ޝަރީއަތް ކުރެވި ބަންދުކުރެވިގެން ދިޔަ ދުވަސްް،" އެސްއޯއެފް މެދުވެރިކޮށް ފައިސާ ގިނައިން ބޭރުކުރި ބައެއް ދުވަސްތައް ފާހަގަ ކުރައްވަމުން އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންތައްތައް އެގޮތަށް ހިނގަމުން ދާތީ އެ ވާހަކަތައް އަޒީމާ އަށް ދަންނަވަމުން ގެންދެވި ކަމަށާއި މަދުވެގެން ހަތަރު ފަހަރު އެފަދަ މައްސަލަތައް އޭނާއާ ހަމައަށް ގެންދެވި ކަމަށެވެ. އެފަދަ މައްސަލަތައް އަޒީމާ އަށް ހުށަހެޅުއްވި ބައެއް މީޓީންތަކުގައި އެފްއައިޔޫގެ ވެރިޔަކަށް ފަހުން ވަޑައިގެންނެވި އަބްދުﷲ އަޝްރަފާއި އެމްއެމްއޭގެ އެސިސްޓެންޓް ގަވަނަރު ނީޒާ އިމާދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އާތިފް ވިދާޅުވި އެވެ.

"އަނެއްކޮޅުން އަޅުގަނޑު ބަލާފައި ގޮސް އެބަ ދަންނަވަން މިވަރުގެ ކަންތައްތަކެކޭ މިހިނގަނީ، އެއްފަހަރަކު ނޫން ދެ ފަހަރަކު ނޫން، މަދުވެގެން ހަތަރު ފަހަރު، ގަވަރުނަރަށް ދެންނެވިން،" އޭނާ ވިދާޅުވި އެވެ.